16 Mar 2014, 14:57
މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން 2.2 މިލިއަން ރުފިޔާގެ ތަކެތި އާއްމު އުސޫލާ ހިލާފަށް ބީލަމަށް ނުލައި ހޯދާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އެމްއާރުޑީސީގެ 2011 ވަނަ އަހަރުގެ އޮޑިޓަށް ފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އެކުންފުނިން ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގައި އަމަލު ކުރާނެ ޕްރޮކިއުމަންޓް ގާވާއިދެއް އެކުލަވާލައިފައިނުވާ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ބީލަމަށް ނުލައި 2،266،378 ރުފިޔާގެ ތަކެތި އެ ކުންފުންޏަށް ހޯދައިފައިވާ ކަމަށް ބުނެފައިވެ އެވެ.
ކުންފުނިން ހިންގާފައިވާ މާލީ މުއާމަލާތްތަކާ ގުޅޭ ގޮތުން ތައްޔާރުކޮށް ބަލަހައްޓަން ޖެހޭ ހިސާބުތަކާއި ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ދުވަހުން ދުވަހަށް ބަލަހައްޓާފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
ކުންފުނީގެ ބޭނުމަށް ހޯދާފައިވާ އެންމެހާ ހަރުމުދާ އެ ކުންފުނީގެ ބެލުމުގެ ދަށުގައި ރައްކާތެރިކަމާ އެކު ބެހެއްޓިފައި ނެތް ކަމަށާއި ކުންފުނީގެ މުދަލެއް ގެއްލިފައި ނުވަތަ ވިއްކާލާފައި ވިޔަސް އެކަން އެނގެން ނެތް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އެކަމުގެ ސަަބަބުން ކުންފުނީގެ މުދާ ގެެއްލިގެން ދިއުން ނުވަތަ ނާޖާއިޒު ގޮތެއްގައި ވިއްކާލުން ނުވަތަ ބޭނުން ކުރުމުގެ ފުރުސަތު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން އިތުރު ގަޑީގެ މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ޖެހޭ ފަރާތްކުން ހުއްދަ ނުހޯދައި، 175039 ރުފިޔާ ކުންފުނީގެ މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި ފައިސާއަކީ ކުންފުންޏަށް ސައްހަ ގޮތުގައި ލިބިފައިވާ ފައިސާއެއްކަން އެނގެން ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.