16 Mar 2014, 14:39
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުތަކުގައި 18 ކެންޑިޑޭޓުން ސޮއިކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޗަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް މިއަދު ވިދާޅުވީ ލިސްޓްތަކުގައި ސޮއިކޮށްފައި ނުވަނީ އަމިއްލަ ގޮތުން 13 ދާއިރާ އަކަށް ވާދަކުރައްވާ 18 ކެންޑިޑޭޓުން ކަމަށެވެ.
ޝަކީލް ވިދާޅުވީ، ލިސްޓުތަކުގައި ސޮއި ކުރުމުގެ ވަގުތު މިއަދު މެންދުރު ފަހު 12:00ގައި ހަމަވި އިރު ސިޔާސީ ޕާޓީތަކުން އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް ލިސްޓްތަކުގައި ސޮއިކޮށް ނިންމާފައިވާ ކަމަށެވެ.
"ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ވަގުތު މިއަދު މެންދުރު 12:00 އަށް ހަމަވި އިރު ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ވަނީ ލިސްޓުތަކުގައި ސޮއިކޮށް ނިންމާފައި. ސިޔާސީ ޕާޓީތަކުގެ ހުރިހާ ކެންޑިޑޭޓުން ވެސް ހުރިހާ ލިސްޓެއްގައި ސޮއިކޮށް ނިންމާލައިފި. އެހެން ނަމަވެސް އަމިއްލަ ގޮތުން 13 ދާއިރާއަކަށް ވާދަ ކުރައްވާ 18 ކެންޑިޑޭޓަކުލިސްޓްތަކުގައި ސޮއިކުރައްވާފައެއް ނުވޭ،" ޝަކީލް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި ސިޔާސީ ޕާޓީތަކުން 188 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. އަދި އަމިއްލަ ގޮތުން 114 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.