16 Mar 2014, 14:42
އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ރާއްޖޭގެ ނިއު ރޭޑިއަންޓާއި ދެކޮޅަށް ނުކުންނައިރު އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ ސަމާލުވާން ޖެހޭ ކަމުގައި އެޓީމުގެ ކޯޗު ޖެކްސަން ފެރޭރާ ޓިއާގޯ ބުނެފި އެވެ.
އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ނިއުއާ ދެކޮޅަށް ޕެރްސިޕޫރާ ނުކުންނަ އިރު، އެ ޓީމަކީ ގްރޫޕް އީ ގައި ބަލިނުވާ ހަމައެކަނި ޓީމެވެ. މިއަހަރުގެ އޭއެފްސީ ކަޕްގައި މިހާތަނަށް ޕެރްސިޕޫރާ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި އިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.
އިންޑޮނޭޝިއާގެ ނޫސްވެރިންނާއި ވާހަކަދައްކަމުން ޕެރްސިޕޫރާގެ ބްރެޒިލް ކޯޗު ޓިއާގޯ ބުނީ، ނިއު އަކީ އޭއެފްސީ ކަޕަށް އާ ޓީމެއް ނޫން ކަމަށާއި އެ ޓީމަކީ އިންޑޮނޭޝިއާގެ މާހައުލަށް ވެސް އާ ޓީމެއް ނޫން ކަމަށެވެ.
"ނިއު އަކީ އާންމު ގޮތެއްގައި އޭއެފްސީ ކަޕުން ފެންނަ ޓީމެއް. އެމީހުންނަކީ ރާއްޖޭގެ ލީގު ޗެމްޕިއަން. އެހެންކަމުން އެޓީމަކީ ވަރަށް ތަޖުރިބާކާރު ޓީމެއް،" ޓިއާގޯ ބުންޏެވެ. "އަހަރެމެން އެމީހުންނަށް ސަމާލުވާން ޖެހޭނެ. އަހަރެމެން ފަސޭހަކޮށްލައިފިއްޔާ ލަނޑެއް ލިބުމަކީ ގާތް ކަމެއް."
ޓިއާގޯ ބުނީ، ނިއު އަތުން މޮޅުވުމަށްޓަކައި ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށާއި ނިއު އަކީ އިންޑޮނޭޝިއާ ޓީމުތަކާއި ދެކޮޅަށް ކުރިން ވެސް ކުޅެފައިވާ ކްލަބެއް ކަމަށެވެ.
"ނިއު އަކީ ކުރިން ޕެރްސިބޯ ބޮޖޮނެގެރޯ އާ ދެކޮޅަށް އިންޑޮނޭޝިއާ ގައި ކުޅުނު ޓީމެއް. އެމީހުންނަށް އަހަރެމެންގެ ގައުމެއް އަދި ދަނޑުތަކެއް ވެސް އަލެއް ނުވާނެ. އަދި މި މާހައުލަކީ އެމީހުންނަށް އާ މަހައުލަކަށް ވެސް ނުވާނެ. މި މެޗަށް އަހަރެމެން ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭނެ." ޕެރްސިޕޫރާގެ ކޯޗު ބުންޏެވެ.
ދިގު ދަތުރަކަށް ފަހު، ޕެރްސިޕޫރާއާ ދެކޮޅަށް ނުކުންނަ ނިއު މިހާރު ވަނީ އިންޑޮނޭޝިއާއަށް ގޮސްފަ އެވެ. ގްރޫޕްގެ އެއް ވަނައިގައި އޮތް ޕެރްސިޕޫރާއާ ދެކޮޅަށް ތިން ވަނައިގައި އޮތް ނިއު ނުކުންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު 16:00 ގަ އެވެ.