ފޭސްބުކް ފަދަ ސޯޝަލް ނެޓްވާކްތައް ބޭނުން ކުރުމުން މީހުންގެ މޫޑަށް އަސަރު ކުރާ ކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި ހެދި ދިރާސާ އަކުން ދައްކައިފި އެވެ.

ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން މީހުންނެއްގެ ޑޭޓާ އެއްކޮށްގެން ހަދާފައިވާ މި ދިރާސާ ގައި ބަލާފައި ވަނީ އެއް ތަނެއްގައި ވާރޭ ވެހޭ އިރު، ވާރޭ ނުވެހޭ ހިސާބެއްގައި ތިބިމިހުންގެ މޫޑަށް އަންނަނީ ކޮން ބަދަލުތަކެއްތޯއެވެ.

“މީހުން ކުރާ އިހުސާސް ތަކާ ދައްކާ ވާހަކަތައް ދުވަހެއްގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދޭ،” އެ ދިރާސާގެ ރިޕޯޓުގައި ވެއެވެ.

މި ދިރާސާ ހަދާފައި ވަނީ 2009 ވަނަ އަހަރާ 2012 ވަނަ އަހަރާ ދެމެދު ފޭސްބުކް ގައި މީހުން ޕޯސްޓް ކޮށްފައި ވާ އެތައް ބިލިއަން ސްޓޭޓަސް އަޕްޑޭޓް ތަކެއް އެއްކޮށްގެންނެވެ.

ދިރާސާއިން ދެއްކި ގޮތުގައި ވާރޭ ވެހޭއިރު އަޕްޑޭޓްކޮށްފައިވާ ސްޓޭޓަސް ތަކުގައި ނެގެޓިވް ސްޓޭޓަސް ތައް 1.16 އިންސައްތަ އިތުރު ވެފައިވާ އިރު، ޕޮޒިޓިވް، ނުވަތަ އުފާވެރި ޕޯސްޓްތައް 1.19 އިން ސައްތަ އިތުރުވެފައިވާ ވެއެވެ.

ދިރާސާ ކުރި ފަރާތުން ދެން ބަލާފައި ވަނީ ވާރޭ ވެހޭތަނެއްގައި ހުރި މީހެއްގެ ފޭސްބުކް ރައްޓެއްޓެހިންގެ ސްޓޭޓަސްތައް ހުރީ ކިހިނެއްތޯއެވެ. އެގޮތުން ދެރަވެފައި ހުރެ ލިޔެފައިވާ ކޮންމެ ސްޓޭޓަސް އަޕްޑޭޓަކަށް 1.29 ދެރަ ސްޓޭޓަސް އަޕްޑޭޓް ލިޔެފައި ވެއެވެ. މާނަ އަކީ ނެގެޓިވް ސްޓޭޓަސް އަކާ ގުޅިގެން ނެގެޓިވް ސްޓޭޓާސްތައް 1.29 ގުނަ އިތުރުވެފައި ވެއެވެ.

ހަމަ އެހެންމެ، އުފާވެރިކަމާ އެކު ލިޔެފައިވާ ކޮންމެ ސްޓޭޓަސް އަޕްޑޭޓް އަކަށް 1.75 އުފާވެރި ސްޓޭޓަސް އަޕްޑޭޓް އިތުރުވެފައިވެއެވެ.

“މި ނަތީޖާތައް ދައްކާ ގޮތުން ސޯޝަލް ނެޓްވާކް އެއްގެ ތެރޭގައި އިހުސާސްތައް ރާޅު ބާނި ތަކެއްގެ ސިފައިގައި ދަތުރުކުރަމުން ދިއުން އެކަށީގެންވެއެވެ. އަދި މީގެ ސަބަބުން އިހުސާސްތައް ސިންކްރޮނައިޒްވެ، އުފާވެރި އަދި ހިތާމަވެރި މީހުންގެ ގްރޫޕްތައް އުފެދި ނެތެމުންދެއެވެ. އައު އޮންލައިން ޓެކްނޮލޮޖީތަކުގެ ސަބަބުން އެކަކު އަނެކާ ގުޅުވައިދީ، މީހުންނަށް އެމީހުންގެ އިހުސާސްތައް ހާމަ ކުރެވޭ ގޮތްތައް ގިނަ ވުމުގެ ސަބަބުން ސިންކްރޮނައިޒް ވުން އިތުރުވުން އެކަށީގެން ވެއެވެ. މީގެ ސަބަބުން ދުނިޔޭގެ އިހުސާސްތައް އަވަސް އަވަހަށް، އެކު އެކީގައި ބަދަލުވާން މެދުވެރިވެ، ސިޔާސީ ނިޒާމުތަކާއި ފައިނޭންޝަލް މާކެޓްތައް އަވަސް އަހަށް ބަދަލުވުމަށް މެދުވެރިވެދާނެ އެވެ.” ދިރާސާ ރިޕޯޓުގައި ލަފާކޮށްފައި ވެއެވެ.