އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ތަކުގައި ސިޔާސީ ޕާޓީ ހުރިހައި ތަކަކުން ސޮއިކޮށް ނިންމާލައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ބިޔުރޯގެ ޑިރެކްޓަރު އަދި އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލް ވިދާޅުވީ، ލިސްޓު ތަކުގައި ސޮއި ކުރުމުގެ ވަގުތު މިއަދު މެންދުރު ފަހު 12:00 ގައި ހަމަވިއިރު ސިޔާސީ ޕާޓީ ތަކުން އިންތިހާބުގައި ވާދަ ކުރައްވާ ހުރިހައި ކެންޑިޑޭޓުން ވެސް ލިސްޓް ތަކުގައި ސޮއި ކޮށް ނިންމާފައިވާ ކަމަށެވެ.

"ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ވަގުތު މިއަދު މެންދުރު 12:00 އަށް ހަމަވިއިރު ހުރިހައި ސިޔާސީ ޕާޓީ ތަކުން ވެސް ވަނީ ލިސްޓު ތަކުގައި ސޮއި ކޮށް ނިންމާފައި. ސިޔާސީ ޕާޓީ ތަކުގެ ހުރިހައި ކެންޑިޑޭޓުން ވެސް ހުރިހައި ލިސްޓެއްގައި ސޮއި ކޮށް ނިންމާލައިފި" ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން، ލިސްޓު ތަކުގައި ސޮއި ކޮށްފައި ނުވާ ކަމަށައި އަދި ބައެއް ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ވެސް ސޮއި ކުރުމަށް ފޮނުވާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ވޯޓާސް ލިސްޓުގައި ސޮއި ނުކުރައްވަނީ އަމިއްލަ ގޮތުން ވާދަ ކުރާ ކޮށް ދާއިރާއެއްގެ ކެންޑިޑޭޓުންނެއް ކަމެށް ޝަކީލް ވިދާޅެއް ނުވެއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގައި ސިޔާސީ ޕާޓީ ތަކުން 188 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. އަދި އަމިއްލަ ގޮތުން 114 ކެންޑިޑޭޓުން ވާދަ ކުރާނެ ކަމަސް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.