ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ސާފުކުރަން ބޭނުންވާ ބައެއް ކަންކަމާ ބެހޭ ގޮތުން ސުވާލުކޮށް ޖަވާބު ހޯއްދަވާފައިވެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޖާބިރުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ރިއްފަތު ވިދާޅުވީ ކްރިމިނަލް ކޯޓުން މައްސަލަ ހިންގި އިރު ދިފާއުގައި ހެކި ހުށަހެޅުމަށް ޖާބިރަށް ފުރުސަތު ދީފައިނުވާކަން ޝަރީއަތް ނިންމި ގޮތުމުގެ ރިޕޯޓުން އެނގޭ ކަމަށެވެ.

އޭނާ ވިދާޅުވީ ހެކިބަސް ދިން ފުލުހުންނަކީ ޖާބިރަށް އަނިޔާކުރި ބައެއް ކަމަށް ބެލެވޭނެ އިހުތިމާލް އޮތް އިރު އެކަމަށް ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

ހެކިބަސް ވަޒަން ކުރުމުގައި ކްރިމިނަލް ކޯޓުން އަމަލުކޮށްފައި ވަނީ އެކަށީގެންވާ ގޮތެއްގައި ނޫން ކަމަށާއި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލްކުރީ ވެސް އާންމު އުސޫލާ ޚިލާފަށް ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ސަފާ އިބްރާހީމް ވިދާޅުވީ ދައުލަތުން އެދެނީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކުރައްވައި މައްސަލަ ނިންމައިދިނުމަށް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.