އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ޔްނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދަކީ ދެފުށް ދެގޮތް ބޭފުޅެއް ކަމަށް ބުނެ އީރާނުން އަނެއްކާވެސް އެނާ އަށް ފާޑުކިޔައިފިއެވެ.

ރާއްޖޭގެ ކުރީގެ ދެސަރުކާރެއްގައި ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝަހީދަށް އީރާނުން އަނެއްކާ ވެސް ފާޑުކީ އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އޭނާ ތައްޔާރުކުރެއްވި ރިޕޯޓަކާ ގުޅިގެންނެވެ.

އީރާނު ޕާލަމެންޓްގެ ނެޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ ކޮމިޝަނުގެ ޗެއާމަން އަލާއުއްދީން ބުރުޖަރްދީ އިއްޔެ ވިދާޅުވެފައި ވަނީ އަންހެނުންނަށް ވެހިކަލެއް ދުއްވުގެ ހައްގު ނެތް ގައުމުތައް ދުނިޔޭގައި ހުރި އިރު އީރާނުގައި އަންހެނުންނާ މެދު ތަފާތު ކުރާ ވާހަކަ ޑރ. ޝަހީދު ދެއްކެވުމަކީ އޭނާގެ ދެފުއް ދެގޮތްކަން ދައްކައިދޭ ކަމެއް ކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އީރާނުގެ ފަރުސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"... ބައެއް ގައުމުތަކުގައި އަންހެނުންނަށް (ވެހިކަލެއް) ދުއްވުމުގެ ހައްގެއް ނުލިބޭ. ދެން އަހުމަދު ޝަހީދު މިކަމާ އެއްޗެއް ނުބުނަނީ ކީއްވެ؟" ބުރުޖަރުދީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ބުރުޖަރުދީ އަދި ވިދާޅުވެފައި ވަނީ އެފަދަ ދެފުށްދެގޮތް ކަމަކީ އިންސާނީ ހައްގުތަކުގެ ވާހަކައަކީ ނަހަމަގޮތުގައި ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ހުޅަނގުގެ ގައުމުތަކުން ، ހާއްސަކޮށް އެމެރިކާއިން ހަދާފައިވާކަން ދައްކައިދޭ ކަމެއް ކަމަށެވެ. އަދި ޑރ. ޝަހީދު ގެންދަވަނީ ހުޅަނގާއި އެމެރިކާގެ އެސިޔާސަތު ތަންފީޒުކުރައްވަމުން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އީރާނުގެ ފާޑުކިއުންތަކަށް ޑރ. ޝަހީދު އިއްޔެ ވަނީ ރައްދުދެއްވާފަ އެވެ. އީރާނާ ތައްޔާރު ކުރެއްވި ރިޕޯޓް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅޫއްވުމަށް ފަހު ހުކުރު ދުވަހު ޖެނީވާގައި ބޭއްވެވި ނޫސް ކޮންފަރެންސްގައި ޑރ. ޝަހީދު ވިދާޅުވެފައި ވަނީ ޒާތީ ގޮތުން ހަމަލާ ދިނުމަކީ އާ ކަމެއް ނޫން ކަމަށެވެ.

"ޒާތީ ގޮތުން ދޭ ހަމަލާ ތަކަކީ އާ ކަމެއް ނޫން. ޔޫއެން ސްޕެޝަލް ރެޕަޓުއާ ނުވަތަ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެނޫން ވެސް އޮފިޝަލަކަށް، އެބޭފުޅަކު ވިދާޅުވާ ވާހަކަފުޅަކާ ގުޅިގެން ހަމަލާތައް އަންނަންޏާ ތެހެރާންގައި ނުވަތަ އެހެން ތަނެއްގައި އެމީހަކު ދެކޭގޮތް ހާމަކުރާ އީރާނު މީހާއަށް ވާނެ ގޮތް ވިސްނަވާ،" ޑރ. ޝަހީދު ވިދާޅުވެފައިވެ އެވެ.

އީރާނާ ބެހޭ ގޮތުން ރިޕޯޓް ތައްޔާރުކުރައްވާއިރު އެގައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ވާހަކަ ނުދައްކަވާ ކަމަށް އެގައުމުން ބުނާ ބުނުމަށް ރައްދު ދެއްވަމުން ޝަހީދު ވަނީ އޭނާ އެގައުމަށް ދަތުރުކުރުމުގެ ހުއްދަ ދެއްވުމަށް ގޮވާލައްވާފަ އެވެ.

އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޑރ. ޝަހީދު ވިދާޅުވާ ވިދާޅުވުން އޭނާ ވަނީ ހުކުރުދުވަހު ވެސް ތަކުރާރުކުރައްވާފަ އެވެ.