16 Mar 2014, 11:50
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކޮމަންޑު އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނަހުލާ އަލީ ކަމަށާއި އެހެން ފަރާތްތަކުން ކޯލިޝަނުގެ ކެންޑިޑޭޓު ކަމަށް ދައުވާ ކުރާތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އެކަން ކުށްވެރިކޮށްފި އެވެ.
ކޮމަންޑޫ ދާއިރާ އަށް ނަހުލާގެ އިތުރުން ވާދަ ކުރައްވަނީ އަދާލަތު ޕާޓީގެ އަހުމަދު ޒާހިރާއި އެމްޑީޕީގެ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.
އެނގިފައިވާ ގޮތުގައި އަދާލަތުގެ ކެންޑިޑޭޓަކީ ކޯލިޝަނުގެ ކެންޑިޑޭޓު ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަދި ޕީޕީއެމް އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫން ވިދާޅުވީ ކޯލިޝަނުގައި ރަސްމީކޮށް އަދާލަތު ޕާޓީ ނުވެސް ހިމެނޭ ކަމަށާއި ކޮމަންޑޫ ދާއިރާ އަށް ކޯލިޝަނުން ކަނޑައެޅި ކެންޑިޑޭޓަކީ ނަހުލާ ކަމަށެވެ.
"ކޯލިޝަނުގައި ރަސްމީ ގޮތުން ހިމެނިވަޑައިގަންނަވަނީ ތިން ޕާޓީއެއް. އެއީ ޕީޕީއެމް އެމްޑީއޭ، ޖޭޕީ. އެެހެންވީމާ އަޅުގަނޑުމެން ވަރަށް ގުޅިގެން، ގާތުން މަސައްކަތް ކުރަމުން މިދަނީ. ދާއިރާގެ އެހެން ކެންޑިޑޭޓުންނަށް ބަލާލާއިރުގައި އެބަ ތިއްބެވި އަދާލަތުން އަދި އޭގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް. އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ނަހުލާ އަލީ،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ކޯލިޝަނުގެ ކެންޑިޑޭޓަކީ ނަހުލާކަން އޮޅުވާލުމަށް ދާއިރާގެ ތެރޭގައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ވަރަށް ބޮޑަށް މިކަން އޮޅުވާލުމަށް ދާއިރާ ތެރޭގައި އެބަ މަސައްކަތް ކުރޭ. އެހެން ކެންޑިޑޭޓުން ނުކުމެވަޑައިގެން އެބަ ބުނޭ ތިމަންނަމެންނޭ ކޯލިޝަނުގެ ކެންޑިޑޭޓުންނަކީ. މިކަން ކުރައްވަނީ ގިނަ ވޯޓު ހޯއްދަވަންކަން އަޅުގަނޑު ގަބޫލު ކުރަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަނުގައި ތިން ޕާޓީ ހިމެނޭކަން އެއީ ވަރަށް ސާފު މައްސަލައެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
"ސަރުކާރު ކޯލިޝަނުގައި ތިން ޕާޓީ އޮތް ކަން އެއީ އަޅުގަނޑަށް ހީވަނީ އެންމެނަށް ވެސް ސާފުވެފަ އޮތް ކަމެއްހެން. ބައެއް ދާއިރާތަކުގައި އަދާލަތާ ގުޅިގެން އަޅުގަނޑުމެން މަސައްކަތް ނުކުރާ ވާހަކައެއް ދަންނަވަނީކީ ނޫން. އެކަމަކު މި ދާއިރާގައި ވަރަށް ސާފުކޮށް އެބަހުރި ކޯލިޝަންގެ ފަރާތުން ހުރި ކެންޑިޑޭޓަކު،" ދުންޔާ ވިދާޅުވި އެވެ.