ބޭންކިންއާ ގުޅޭ ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސެންޓްރަލް ބޭންކާ ދެމެދު ސޮއިކޮށްފި އެވެ.


އެމްއެމްއޭ އާއި ޔޫއޭއީގެ ސެންޓްރަލް ބޭންކާ ދެމެދު މިދިޔަ އާދީއްތަ ދުވަހު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ބުނަނީ، އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ސެންޓްރަލް ބޭންކުން އެއްބާރުލުން ދިނުމަށް އަމަލުކުރާނެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށެވެ.


"..ސުޕަވިޒަން ދާއިރާ އިން ފަންނީ އެހީ ދިނުމާއި މި ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ދެ ފަރާތުގެ ދެމެދުގައި މައުލޫމާތު ހިއްސާ ކުރުމާއި، މީގެ އިތުރަށް މަނީ ލޯންޑްރިން އާއި ޓެރަރިސްޓް ފައިނޭންސް ހުއްޓުވުމުގައި" ދެ ފަރާތުގެ މެދުގައި އެއްބާރުލުން ދިނުމަށް އެމްއޯޔޫގައި އެއްބަސްވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.


މީގެ އިތުރުން ޔޫއޭއީގެ ސެންޓްރަލް ބޭންކުން ހިންގާ ބައިނަލްއަގްވާމީ ޓްރެއިންނިން ޕްރޮގްރާމްތަކުގައި އެމްއެމްއޭގެ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.


އެ އެމްއޯޔޫގެ ސަބަބުން މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށާއި ދެގައުމުގެ ސެންޓްރަލް ބޭންކުން އެއްބާރުލުން ދިނުމުގައި މައުލޫމާތު ހިއްސާ ކުރާނީ ބައިނަލް އަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައި ވެއެވެ.


ޔޫއޭއީ އާއި ރާއްޖޭގެ ސެންޓަރަލް ބޭންކުން އެއްބަސްވުމުގައި ސޮއިކުރީ އާބޫ ދާބީގައި ހުންނަ ޔޫއޭއީގެ ސެންޓްރަލް ބޭންކުގެ މައި އޮފީހުގަ އެވެ. އެ ބޭންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ގަވަރުނަރު ސުލްތާން ބިން ނާސިރު އަލް ސުވައިދީ އެވެ. އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު ފަޒީލް ނަޖީބެވެ.