16 Mar 2014, 11:43
ތައުލީމީ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅާފައިވާ، "އެދުރުހިޔާ"ގެ ފްލެޓްތަކަށް ކުރިމަތިލުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ކުއްލިއްޔާ، ޕޮލިޓެކްނިކް އަދި ގުރުއާނާ ބެހޭ މަރުކަޒުގައި ކިޔަވައިދޭ ފަރާތްތަކަށް އެ ފްލެޓްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތައުލީމީ ފަންޑުން ހަރަދުކޮށްގެން ހަދާފައިވާ 10 ބުރީގެ އެ އިމާރާތުގެ ފެލްޓްތަކަށް ކުރިން އެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ ޓީޗަރުންނަށް ކުރިމަތި ލުމުގެ ފުރުސަތު ބަންދުވެފައި އޮތީ، އެ ފްލެޓަށް ކުރިމަތިލުމުގެ އޮނިގަނޑަށް ނުފެތޭތީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއީލް މިއަދު ވިދާޅުވީ، "އެދުރުހިޔާ" އަށް ކުރިމަތިލުމުގެ ފުރުސަތު ކުއްލިއްޔާގެ ލެކްޗަރާއިންނާއި ޕޮލިޓެކްނިކްގެ އިންސްޓްރަކްޓަރުންގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގެ ގުރުއާން މުދައްރިސުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް އުސޫލަށް ކުޑަ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެދުރުހިޔާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ތިން ހަފްތާއަށް އިތުރުކޮށްފަ އެވެ. އެގޮތުން "އެދުރުހިޔާ" އަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
"އެދުރުހިޔާ" އަށް ކުރިމަތިލުމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެދުރުހިޔާގެ ފްލެޓްތަކުގެ ކަންތައް ކުރިއަށް ގެންދާނީ ދެފުއް ފެންނަ ގޮތަކަށް ކަމަށާއި އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުން ނުހިމަނައި، ހާއްސަ ކޮމެޓީ އެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން 36 މިލިޔަނާއި އެމްއައިބީ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާ އާއި އެކު ޖުމްލަ 62 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޓީޗަރުންނަށް އިމާރާތް ކޮށްފައިވާ އެ ފްލެޓުގައި 80 ފްލެޓް ހިމެނެ އެވެ.