16 Mar 2014, 11:29
ބެއިޖިންގ (މާޗް 16) : ޗައިނާއާ އެކު ޕާކިސްތާނުން ބާއްވާ ސްޓްރެޓީޖިކް ގުޅުންތަކުގައި މިހާރު އެންމެބޮޑު އިސްކަމެއް ދެމުންގެން ދަނީ ހަކަތައާއި ދަނޑުވެރިކަމާއި ސިނާއަތާއި އިންފްރާސްޓްރަކްޗާ ފަދަ އިގްތިސާދީ ތަރައްގީގެ ދާއިރާތަކުގައި ގުޅުންބަދަހިކޮށް މިކަންކަމުގައި ޗައިނާގެ މާލީ އެހީއާއި ފަންނީ އެހީ ހޯދުމުގެ މައްޗަށް ކަމަށް ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވިދާޅުވެއްޖެ އެވެ.
ބެއިޖިންގްގައި ޗައިނާގެ ރައީސް ޝީޖިންބިންގް އާ ބައްދަލުކުރެއްވުމަށް ފަހު ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ޗައިނާއާއި ޕާކިސްތާނާ ދެމެދު ގާއިމްކޮށްފައިވާ ސްޓްރެޓީޖިކް ގުޅުންތައް ދެމެހެއްޓުމާއި އެގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވައި ކަންތައްތަކަށް އެއްބަސްވެ ވަޑައިގެންނެވި ކަމުގަ އެވެ. މިގޮތުން ޕާކިސްތާނަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލަ ހައްލުކުރުމަށާއި ޕާކިސްތާނުގެ ދަނޑުވެރިކަން ކުރިއަރުވައި ސިނާއަތާއި ޓެކްނޮލޮޖީ ކުރިއެރުވުމަށް ޗައިނާގެ މާލީ އަދި ފަންނީ އެހީތެރިކަން ފުޅާދާއިރާއެއްގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް މަމްނޫން ޙުސައިން ވިދާޅުވި އެވެ.
ޕާކިސްތާނަށް އިގްތިސާދީ ކުރިއެރުންތައް ގެނައުމަށް ޓަކައި ޗައިނާއާ ގުޅިގެން އެގައުމުން ކުރިޔަށްގެންދާ އިކޮނޮމިކް ކޮރިޑޯ ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކީ ޕާކިސްތާނުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ވަޒީފާގެ އެތަށް ލައްކަ ފުރްސަތުތަކެއް އުފައްދައި ޕާކިސްތާނުގެ އިގްތިސާދަށް އިންގިލާބެއް ގެނުވާނެ ޕްރޮޖެކްޓެއް ކަމަށް މަމްނޫން ޙުސައިން ވިދާޅުވި އެވެ. މިޕްރޮޖެކްޓް ތަންފީޒު ކުރުމަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް ހޭދަކުރަނީ ޗައިނާގެ ބޭންކްތަކުންނާއި މިޕްރޮޖެކްޓްގައި އިންވެސްޓްކުރާ އެދެގައުމުގެ ކުންފުނިތަކުންނާއި ބޭރުގެ ކުންފުނިތަކުންނެވެ.
ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިންއާޗައިނާގެ ރައީސް ޝީޖިންބިންގް އިއްޔެ ބައްދަލުކުރައްވާފައިވަނީ ބެއިޖިންގެ މަޝްހޫރު ޕީޕަލްސް ހޯލު އެވެ. ފާއިތުވި 10 ވަރަކަށް އަހަރުތެރޭގައި ޗައިނާއާއި ޕާކިސްތާނުން ވަނީ ދިފާޢީ އަދި އަމަނާ ބެހޭ ދާއިރާތަކުގެ އިތުރުން ޢަސްކަރީ ސިނާއަތުގެ ދާއިރާގައިވެސް ގުޅުންތައް ބަދަހިކޮށްސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކޮށްފަ އެވެ. މިގޮތުން ޕާކިސްތާނުގައި އުފައްދާ ޒަމާނީ ހަތިޔާރާއި ޕާކިސްތާނުގެ މިސައިލް އިންޑަސްޓްރީ ތަރައްގީ ކުރުމުގައި ޗައިނާގެ އިންޖިނޭރުންގެ ފަންނީ އެހީތެރިކަން ޕާކިސްތާނަށް ލިބިފައިވެ އެވެ.(ޒިންހުވާ)