16 Mar 2014, 11:23
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ، ދިހަ ވަނައިގައި އޮތް އެސްޓަން ވިލާ އަތް ދަށު ވެއްޖެ އެވެ.
އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޗެލްސީގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައިފައި ވެއެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން އަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ކާޑު ދެއްކި އިރު، ބްރެޒިލް މިޑްފީލްޑަރު ރަމިރޭސް އަށް ރަތް ކާޑު ދެއްކީ ދެވަނަ ހާފުގެ އިތުރު ވަގުތު ތެރޭގަ އެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ލަނޑު 82 ވަނަ މިނެޓުގައި ވިލާ އަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ފަބިއަން ޑެލްފް އެވެ. ޗެލްސީން މެޗުގެ ކޮންޓްރޯލް ހޯދި މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ވިލާ މޮޅުވެގެންނެވެ.
ހަލް ސިޓީ 2-0 ލަނޑުން ބަލިކޮށް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ މެންޗެސްޓާ ސިޓީން ވަނީ ވަގުތީ ގޮތުން ލީގުގެ ދެވަނަ އަށް އަރައިފަ އެވެ. މެޗުގެ ދިހަ ވަނަ މިނެޓްގައި ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕަނީ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓްގައި ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްދިން އިރު، މެޗުގެ އެންމެ ފަހު މިނެޓްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެޑިން ޖެކޯ އެވެ.
ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ކާޑިފް ސިޓީ އަތުން އެވަޓަން ވަނީ 2-1 ލަނޑުން މޮޅުވެފަ އެވެ. ސްވަންސީ އަތުން 2-1 ލަނޑުން ވެސްޓް ބްރޮމް މޮޅުވި އިރު، ނިއުކާސަލް އަތުން ފުލަމް މޮޅުވީ 1-0 ލަނޑުންނެވެ. ވެސްޓް ހާމް އަތުން 3-1 ލަނޑުން ސްޓޯކް ސިޓީ މޮޅުވި އިރު، ސައުތެމްޓަން ވަނީ ނޮވިޗް އަތުން 4-2 ލަނޑުން މޮޅުވެފަ އެވެ. އަދި ސަންޑަލޭންޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެެއްވަރު ވެގެންނެވެ.