ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑާއެކު ސްޕެނިޝް ލަލީގާގައި މަލާގާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

މަލާގާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖެހޭނެ ރަނގަޅު ފުރަސަތުތަކެއް ލިބިފައި ވެއެވެ. މެޗުގެ ކޮންޓްރޯލް ހޯދި މެޑްރިޑްގެ ހަމައެކަނި ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ 23 ވަނަ މިނެޓްގަ އެވެ. މި ލަނޑުގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ރޮނާލްޑޯ އަށް ލިބިފައި ވެއެވެ.

އެސްޕާނިޔޯލް އަތުން ލީގުގެ ދެވަނައިގައި އޮތް އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުންނެވެ. އެތުލެޓިކޯ އިން މެޗު ކޮންޓްރޯލް ކުރަމުން އައި މި މެޗުގެ ހަމައެކަނި ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޑިއެގޯ ކޮސްޓާ އެވެ. މި މެޗުގައި އެސްޕާނިޔޯލް އިން ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދި އެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސެލްޓަ ވިގޯ އިން ވަނީ ލެވަންޓޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. 1-0 ލަނޑުން ނިމުނު މި މެޗުގެ ހަމައެކަނި ލަނޑު 19 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ނޮލިޓޯ އެވެ. މެޗުގައި ލެވަންޓޭ އަށް ނަތީޖާ ހަމަހަމަ ކުރުމަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް، އެ ޕެނަލްޓީ ވަނީ އެޓީމަށް ނާކާމިޔާބު ވެފަ އެވެ.

އަލްމެރިއާގެ މައްޗަށް ރަޔޯ ވަޔެކާނޯ ކުރި ހޯދީ 3-1 ލަނޑުންނެވެ. ރަޔޯ އަށް ޖޮއަކުއިން ލަރިވޭ ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އަލްބާޓޯ ބުއެނޯ ވެސް ލަނޑެއް ކާމިޔާބު ކޮށްދީފައި ވެއެވެ. އަލްމެރިއާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފެނާންޑޯ ސޮރިއާނޯ އެވެ.