16 Mar 2014, 10:48
ކާނާ ބްލޮގެއް ކަމަށްވާ "ދަ ޑެއިލީ މީލް" ގެ ދުނިޔޭގެ އެންމެ ރީތި ރެސްޓޯރެންޓަކަށް ރާއްޖޭގެ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓްގެ އިތާ އަންޑަސީ ރެންޓޯރަންޓް ހޮވައިފި އެވެ.
ރަންގަލި ރިސޯޓްގެ އެ ރެސްޓޯރެންޓަކީ ދުނިޔޭގެ އެންމެ ރީތި ރެސްޓޯރެންޓް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެ އެވެ. މި ރެސްޓޯރެންޓް ގިނަ ބަޔަކަށް ހާއްސަވެގެން ދަނީ، އެތަނަކީ ރަނުން ޖަރީވެފައިވާ ރެސްޓޯރެންޓަކަށް ވާތީއެއް ނޫނެވެ. އެ ރެސްޓޯރެންޓްގެ އެންމެ ހައިރާން ކުރަނިވި ކަމަކީ ކަނޑު އަޑީގެ މާހައުލު ފެންނަން ހުރުމެވެ.
އިތާ އަންޑަސީ ރެންޓޯރަންޓް ހެދިފައި ވަނީ ބަންދުކުރެވިފައިވާ ކެމިކަލް އަކުން ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އެތެރެ ފެންނަ ބިއްލޫރިންނެވެ. ރެސްޓޯރެންޓަށް ވަންނަ އިރު، އެތަނުގެ އެތެރެއިން ހިތްގައިމު ކަނޑު އަޑީގެ 180 ޑިގްރީ ފެންނަން ހުރެ އެވެ.
ދަ ޑެއިލީ މީލް އިން ނެރުނު ލިސްޓްގެ ދެވަނައިން ޖާގަ ހޯދީ ނިއު ޔޯކުގައި ހުންނަ "ދަ ފޯ ސީޒަންސް ރެސްޓޯރެންޓް" އެވެ. އެ ރެސްޓޯރެންޓަކީ މަޝްހޫރު އާކިޓެކްޓް ފިލިޕް ޖޯންސަން އާއި މީސީ ވެން ޑާ ރޮހޭ ގެ ކުރެހުމާއި އެއްގޮތަށް ޑިޒައިން ކުރެވިފައިވާ ރެސްޓޯރެންޓެކެވެ.