16 Mar 2014, 10:14
މާލޭގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ގޯތި ގެދޮރުގެ ދަތިކަން ކަމަށާއި އެކަން ހައްލުކުރުމަށް މަޝްރޫއެއް ވަރަށް އަވަހަށް އެކުލަވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ނަލަ ފެހި މާލެ" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ އިސްކަންދަރު ސްކޫލް ދޮރުމަތީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ސިޓީ ކައުންސިލުން ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ. އަދި ކައުންސިލަށް ލިބިފައިވާ އިގްތިސާސްގައި މަޝްރޫއުތައް ހިންގޭނެ ކަމަށް ވެސް ޝިހާބް ވިދާޅުވި އެވެ.
"ކައުންސިލްގެ އިހްތިސޯސް ވަރަށް ބޮޑުކޮށް އެބައޮތް. އެ އިހްތިސޯސްގައި ފަޅުތަކާއި ފަރުތައް އެބަހުރި. ރަށްތައް އެބަހުރި. އެހެންވީމާ ބޭރުގެ ފަރާތްތަކާ ގުޅިގެން މަޝްރޫއުތައް ކުރިއަށްގެންދެވޭނެ. ގޯތި ވެސް ދެވޭނެ. އެއީ އެއްގޮތަކަށް ވެސް ކަންބޮޑުވާ ކަމެއް ނޫން،" މޭޔަރު ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގެ ސާފުތާހިރުކަން ނެތުމުން އެކަމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި އެ މައްސަލަ ރައްޔިތުންގެ އެއްބާރުލުމާއި އެކުގައި ހައްލުކޮށް މާލެއަކީ ނަލަ އަދި ސާފު ތަނަކަށް ހަދައިދޭނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ޝިހާބް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދިއުން ކަމަށާއި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކުގައި ކައުންސިލުންނާއި މާލޭގެ ވިޔަފާރިވެރިންނާއި ގުޅިގެން ވަޒީފާގެ ފުރުސަތު އިތުރު ކޮށްދެވޭނެ ކަމަށެވެ.
އެގޮތުން "ނަލަ ފެހި މާލެ" މަޝްރޫއުގެ ދަށުން މާލެ ކުނިކަހާ ސާފުކުރުމަށް 100 ދިވެހިންނަށް ވަޒީފާ ދީގެން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދިއުމަށް އިތުރު 400 ދިވެހިންނަށް ވަޒީފާ ދެވޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
ޝިހާބް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާނެ ޕްރޮގްރާމްތައް އެކުލަވާލައި ކުރިއަށްގެންދާނެ ކަމަށާއި ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރީގެ ކައުންސިލާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ވެސް ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމަށެވެ.
މާލެ ސިޓީ ފެހިކުރުމުގެ ގޮތުން ހިޔާ ލިބޭ ގަސްތަކާއި މާ ގަސްތައް އަތޮޅު ތެރެއިންނާއި ރާއްޖެ އިން ބޭރުން ގެނެސް، މާލެ ސިޓީގެ އެކި ހިސާބުތަކުގައި އިންދަން ފަށާފައިވާ އިރު، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް "ނަލަ ފެހި މާލެ ނާސަރީ"ގެ ނަމުގައި ނާސަރީއެއް ގާއިމްކޮށް ރާއްޖޭން ބޭރުން ގަސް ގެނެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ގަސް ލިބޭނެ ގޮތް ހެދުމަށް ވަނީ ނިންމާފަ އެވެ.