ހޯރަފުށިން: އަހުމަދު ޝަރުވާން

ރަށްޔިތުންނަށް ހިދުމަތްކޮށްދީ ފަސޭހަކޮށްދިނުމަށް ޓަކައި މިސަރުކާރުން ވައުދު ވެފައިވާ ފަދައިން ހޯރަފުށީ ރައްޔިތުންނަށް ވެސް ފަސޭހަކޮށްދިނުމަށް ކުރިޔަށް އޮތް ތިން މަސް ދުވަސްތެރޭ ހޯރަފުށީގެ އެއާޕޯޓްގެ މަސައްކަތް އިއުލާނު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އިސްމާއީލްގެ ކެމްޕޭން ލޯންޗު ކުރުމަށް ހޯރަފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ މީގެ ކުރިން ހޯރަފުށީގައި އަދި އެ ދާއިރާ ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށް ބޭސްފަރުވާ ހޯދައި އަދި އެހެން ކަންކަމަށް ވެސް މާލެ ގޮސް ހެދުމަށް ވަރަށްބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ހޯރަފުށީގެ ބިމުގެ ސަރަހައްދެއް ހިއްކުމަށް ފަހު އެތަނުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ހޯރަފުށީގެ ނުވަތަ ހޯރަފުށި ދާއިރާގެ މަސްވެރިން އެބޭފުޅުންގެ މަސްދޯނިފަހަރު މަރާމާތުކުރުމަށް ޓަކައި އަބަދުވެސް ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށެވެ. އެހެންކަމުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ މަސްވެރިންނަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ސަރުކާރަކަށް ވުމުން މިއަހަރު ތެރޭގައި ހޯރަފުށީގައި މަސްވެރިންނަށް ހާއްސަކޮށް ބޯޓްޔާޑެއް ތަރަށްގީ ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވި އެވެ. އޭގެ އިތުރުން ހޯރަފުށީގެ ސިއްހީ މަރުކަޒު ހުރީ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ދެވޭ ފެންވަރުގައި ނޫން ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް ޓަކައި ހޯރަފުށީގެ ސިއްހީ މަރުކަޒަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެންނަވާނޭ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ކަމަށެވެ. އެގޮތުން ނަޝީދުގެ ސަރުކާރު ނިމިގެން ދިޔަ އިރު ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި ތިން ލައްކަ ރުފިޔާގެ ދަރަނި އެޅިފައިވާ ކަމަށާއި ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެ ދަރަނި އެއްލައްކަ ރުފިޔާ އަށް ކުޑަކުރުމަށް މަސައްކަތް ކުރައްވާނެ އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ މުޅި ދަރަނި އެއްކޮށް ރައްޔިތުންގެ ބޮލުން ފިލުއްވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.