16 Mar 2014, 09:22
ދިމިޝްގު (މާޗް 16) : ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 22.8 މިލިޔަން މީހުންގެ އާބާދީގައި ހިމެނޭ 5.5 މިލިޔަން ކުޑަކުދިން ޙާލުގައިޖެހި ރެފިއުޖީންނަށް ވެފައިވާ ކަމަށް ޔުނިސެފް އިން ބުނެފި އެވެ.
ކުޑަކުދިންނާ ބެހޭ އދ.ގެ ޖަމްއިއްޔާ ކަމަށްވާ "ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް" ޔުނިސެފް އިން ބުނީ ދާޚިލީ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ރެފިއުޖީންނަށްވެފައިވާ ސޫރިޔާގެ 5.5 މިލިޔަން ކުޑަކުދިންގެ ތެރެއިން ގާތްގަނޑަކަށް 4 މިލިޔަން ކުޑަކުދިން ދިރިއުޅެމުން ދަނީ އިންސާނުންގެ ހިތަށް ކެތްކުރަން އުނދަނގޫ ވާފަދަ އިންސާނީ މުސީބާތުގެ ޙާލަތެއްގައި ސޫރިޔާގެ އެތެރޭގަ އެވެ.
މިކުދިންގެ ކުރިމަތީގައި ކޮންމެ ދުވަހަކު އެތަށްބައެއް މަރާލައި އަނިޔާވެރި ޖަރީމާތައް ހިންގަމުންގެންދާއިރު މިކުދިންނަށް ނަފްސާނީގޮތުން ލިބިފައި ވަނީ ފަސޭހަކުރަންދަތި ގެއްލުންތަކެއް ކަމަށާ މީގެތެރެ އިން ގިނަ ކުދިންގެ މައިން ބަފައިންނާއި ތިމާގެމީހުން މަރުވުމުގެ ސަބަބުން އެކުދިން ޔަތީމްވެ އިތުރަށް ބިކަވެފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ. އަދި ސޫރިޔާގެ އެތެރޭގައި ދިރިއުޅޭ ކުޑަކުދިން އުޅެންޖެހިފައި ވަނީ ހިސާރުގެ ފިޔަވަޅުތަކާއި ހަނގުރާމައިގެ ބިރުވެރިކަމާ އެކު ރަނގަނޅަށް ކާންބޯން ނުލިބި ހަނގުރާމައިގާ ވީރާނާވެފައިވާ ގެތަކުގައި ހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނީ މުސީބާތެއްގެ ތެރޭގައި ކަމަށްވެސް ޔުނިސެފުން ބުނެ އެވެ.
ސޫރިޔާގެ ރެފިއުޖީ ކުޑަކުދިންގެ ތެރެއިން 1.5 މިލިޔަން ކުދިން ދިރިއުޅެމުން ދަނީ އަމިއްލަ ވަޒަން ދޫކޮށް އަވަށްޓެރި ގައުމުތަކުގެ ހަނަފަސް ސަހަރާތަކުގައި ޖަހާފައިވާ ވަގުތީ ފޭލިގެތަކުގަ އެވެ. މިކުދިންނަށް ހަނގުރާމައިގެ ބިރު ތަންކޮޅެއް ކުޑަނަމަވެސް އެކުދިންނަށްވެސްވަނީ ބަލިމަޑުކަމާއި ތައުލީމުން މަހްރޫމްވުމާއި މައިން ބަފައިން ގެއްލުންފަދަ މުސީބާތްއް ކުރިމަތިވެފަ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ގާތްގަނޑަކަށް ތިން އަހަރު ވެފައިވާ އިރު އެގައުމުގެ އިންފްރާސްޓްރަކްޗާގެ 60 އިންސައްތަ މުޅިން ވަނީ ހަލާކުވެ ސުންނާފަތިވެފަ އެވެ. މިގޮތުން ކުޑަކުދިންނަށް ޚިދްމަތްދޭ ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ ތިންބައިކުޅަ ދެބައި ހަލާކުވެފައިވާ ކަމަށް ޔުނިސެފުން ބުނެ އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ދޮޅުލައްކައެއްހާ މީހުން މަރުވެފައިވާ އިރު ހަނގުރާމައިގެ ސަބަބުން އަތްފައި ބުރިވެ ނުކުޅެދޭ ހާލަތަށް ގޮސްފައިވާ މީހުންގެ އަދަދު މިލިޔަނަކަށް އަރާކަމަށްވެ އެވެ. އަދި ސޫރިޔާގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ މީހުން ރެފިއުޖީންނަށް ވެފައިވާ ކަމަށާ މިހާރު ދުނިޔެއަށްބަލާ އިރު އެންމެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދަނީ ސޫރިޔާގެ ރައްޔިތުންކަމަށް އދ. ން ބުނެ އެވެ.
ސޫރިޔާގެ ރައްޔިތުންގެ ޙާލަތު މިހާދަށަށް ދިޔަނަމަވެސް ރައްޔިތުންގެ ވޭނާއި ކެކުޅުންތަކަށް ރިޢަޔަތް ކުރުމަށް ފަހު ހަނގުރާމައާއި ތަޅާފޮޅުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ސޫރިޔާ ސަރުކާރުންވެސް އަދި އިދިކޮޅު ހަނގުރާމަވެރިންވެސް ގެންގުޅޭތަނެއް ނުފެނެއެވެ. ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކުގައި ދެފަރާތްވެސްދަނީ ފުޅާދާއިރާއެއްގައި ބައިވެރިވަމުންނެވެ. މީގެއިތުރުން ހަނގުރާމަވެރި ޖަމާއަތްތައްވެސް އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ގެންދަނީ ހަނގުރާމަ ކުރަމުންނެވެ.(ރޮއިޓާސް)