ދުނިޔޭގެ ނިއުކްލިޔަރ ބާރުތަކުގެ އަތުގައި ގާތްގަނޑަކަށް ހަތާވީސް ހާހަށްވުރެ ގިނަ ނިއުކްލިޔަރ ހަތިޔާރު ރައްކާކޮށްފައި އެބަހުރި ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ. އެމެރިކާގައި ދާދިފަހުން ޝާއިޢުކުރި މިރިޕޯޓް ބުނާގޮތުން ނިއުކްލިޔަރ ހަތިޔާރު އަދިވެސް އެންމެ ގިނައީ ރަޝިޔާގަ އެވެ. ދެން އެމެރިކާގައެވެ. މިދެޤައުމުންކުރެ ކޮންމެ ޤައުމެއްގައިވެސް ގާތްގަނޑަކަށް އަށްހާހާއި ނުވަހާހާ ދެމެދުގެ ޢަދަދަކަށް ނިއުކްލިޔަރ ހަތިޔާރު އެބަހުއްޓެވެ. ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކުރުން މަނާކުރާ މުޢާހަދާގެ ދަށުން ދުނިޔޭގެ ބޮޑެތި ބާރުތަކުންވަނީ ނިއުކްލިޔަރ ތަޖްރިބާކުރުން ހުއްޓާލާފަ އެވެ. ނަމަވެސް އެޤައުމުތަކުގެ ގުދަންތަކުގައި ރައްކާކޮށްފައިވާ ނިއުކްލިޔަރ ހަތިޔާރުގެ ޢަދަދު ދަށަކަށްނުދެ އެވެ. އަދި އެކި ސަބަބުތަކާގުޅިގެން ނައްތާލެވޭ ނިއުކްލިޔަރ ހަތިޔާރުގެ ބަދަލުގައި އެއަށްވުރެ މާ ފެންވަރުރަނގަޅު ނއުކްލިޔަރ ހަތިޔާރު ދުނިޔޭގެ ބާރުތަކުން އުފައްދަމުން ގެންދެ އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ނިއުކްލިޔަރ ހަތިޔާރުގެ ސްޓޮކް ދަށަށް ނުދާކަމަށާ މިހާރުވެސް ބޮޑެތި ބާރުތަކުގެ ސްޓޮކްގައި ހަތާވީސް ހާހަށްވުރެ ގިނަ ނިއުކްލިޔަރ ހަތިޔާރު ރައްކާކޮށްފައި އެބަހުރި ކަމަށް މިރިޕޯޓްބުނެ އެވެ.


ދުނިޔޭން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުސޫލެއްގެ ގޮތުން ބޮޑެތި ބާރުތަކުން އެއްބަސްވެ އެވެ. ނަމަވެސް ބޮޑެތި ބާރުތަކުގެ ޢަސްކަރީ ސްޓްރެޓެޖީން ނިއުކްލިޔަރ ހަތިޔާރު އެއްފަރާތެއް ނުކުރެ އެވެ. ބައެއް ޤައުމުތަކުން ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވަނީ ދިފާޢީ އައްޑަނައެއް ނުވަތަ ޑިޓަރެންޓެއްގެ ގޮތުގަ އެވެ. ނުވަތަ ސަލާމަތީ ގެރެންޓީއެއްގެ ގޮތުގަ އެވެ. އަނެއްބައި ޤައުމުތަކުން ނިއުކްލިޔަރ ހަތިޔާރު އުފައްދާފައިވަނީ ދުނިޔެއަށް ބާރާއި ނުފޫޒު ހިންގުމަށްޓަކަ އެވެ. ހަންތެރުމަށެވެ. ނުވަތަ ދުޝްމަންޤައުމުތަކަށް ބިރުދެއްކުމަށެވެ. އެމެރިކާއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލާނެ ކަމަށް ނަވާރަސަތޭކަ ފަންސާސް ހަތްވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް އައިޒަން ހަވަރ ވަޢްދުވެ ވަޑައިގެންފައިވެއެވެ. ނަމަވެސް އޭގެ ބައިޤަރުނުގެ ފަހުން އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާވެސް ހަމަ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު މި މުއްދަތުގައި އެމެރިކާގެ ނިއުކްލިޔަރ ހަތިޔާރުގެ ސްޓޮކް މަދުވުމުގެ ބަދަލުގައި އެތަށް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ. އެމެރިކާއަކީ އިންސާނުންނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރުމުގެ ޖަރީމާ އެންމެ ފުރަތަމަ ހިންގި ޤައުމެވެ. އެމެރިކާއިން ދެވަނަ ބޮޑުހަނގުރާމައިގާ ޖަޕާން ބަލިވަމުންދަނިކޮށްވެސް ދެފަހަރަކަށް ޖަޕާނާ ދެކޮޅަށް އެޓޮމްބޮން (ނިއުކްލިޔަރ ހަތިޔާރު) ބޭނުންކުރި އެވެ.


ނިއުކްލިޔަރ ހަތިޔާރު ތަރައްޤީކުރަން މިހާރުވެސް ދުނިޔޭގައި އެންމެބޮޑު ޚަރަދެއް ކުރަމުން ގެންދަނީ އެމެރިކާއާއި ރަޝިޔާއިންނެވެ. މިދެޤައުމާއެކު ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ނިއުކްލިޔަރ ކްލަބަށްވަން ދެޤައުމަކީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތެވެ. 1970 އިގެ ކުރީކޮޅު އިންޑިޔާއިން ނިއުކްލިޔަރ ޗެއިން ރިއެކްޝަނެއް ބިމުގެ އަޑީގައި ތަޖްރިބާ ކުރި އެވެ. ނަމަވެސް އިންޑިޔާ ނިއުކްލިޔަރ ބާރަކަށްވީ 1997 ގައި ކުރި ނިއުކްލިަޔރ ތަޖްރިބާތަކުންނެވެ. އެއަށްފަހު ޕާކިސްތާނުވެސް ނިއުކްލިޔަރ ތަޖްރިބާތަކެއްކޮށް ނިއުކްލިޔަރ ބާރަކަށްވި އެވެ. އަދި 2006 ވަނަ އަހަރު އުތުރުކޮރެޔާވެސް ނިއުކްލިޔަރ ތަޖްރިބާއެއް ކުރި އެވެ.


މިރިޕޯޓް ބުނާގޮތުން މިހާރު ނިއުކްލިޔަރ އޮޅިގަނޑުގައި ހަތްޤައުމެއްވެ އެވެ. މިޤައުމުތަކަކީ ސިނާޢީ ފެންވަރަށް ޔޫރޭނިޔަމް ފަައްކާކުރުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމުތަކެވެ. މީގެތެރޭގައި ބްރަޒީލް، އާރޖެންޓީނާ، ދެކުނު އެފްރިކާ، ދެކުނު ކޮރެޔާ، އީރާން، ޔުކްރޭން، ކަޒަޚިސްތާން ހިމެނެ އެވެ. މިއިން ކޮންމެ ޤައުމަކީވެސް ބޭނުންނަމަ ދާދިއަވަހަށް ނިއުކްލިޔަރ ބާރުތަކަށް ވެވޭފަދަ ޙާލަތުގައިވާ ޤައުމުތަކެވެ. ދުނިޔޭގެ 116 ޤައުމަކުންވަނީ ދެހާސް ފަންސަވީސްވަނަ އަހަރު އައުމުގެ ކުރިން މުޅިދުނިޔެއިން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް ދާދިފަހުން ހުށަހެޅުމެއް ހުށަހަޅާފަ އެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައްވަނީ މިކަމާދެކޮޅު ހަދާފަ އެވެ. އަދި އެމެރިކާއާއި ރަޝިޔާ ދާދިފަހުންވަނީ މުޅިން އާ ޖީލެއްގެ ނިއުކްލިޔަރ ހަތިޔާރު އުފައްދަން ގަސްދުކުރާކަންވެސް އިޢްލާންކޮށްފަ އެވެ. އެހެންކަމުން ދުނިޔޭން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަކީ މިޤަރުނުގެ ތެރޭގައިވެސް ވާންއޮތް ކަމެއް ނޫންކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.