ގެއްލިފައި ވާ މަތިންދާބޯޓާ ބެހޭގޮތުން އެންމެ ފަހުން ލިބުނު ޚަބަރަކީ، ދަތުރުގެ ވަކި ހިސާބަކުން ބޯޓުގެ މުއާސަލާތީ ނިޒާމު ނިއްވައިލެވުނު ކަމާއި، އެއަށްފަހު ބޯޓުގެ މިސްރާބު ހުޅަނގަށް ބަދަލު ކުރެވުނު ކަމާއި، އެ މިސްރާބަށް ގާތްގަނޑަކަށް ހަތް ގަޑި އިރު ބޯޓު އުދުހުނު ކަމަށް ބެލެވޭ ކަމުގެ ޚަބަރެވެ. މި ކަންކަމަށް އިޝާރާތް ކުރައްވައި، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް މިއަދު ވިދާޅުވީ އެމްއެޗް 370 އަށް ދިމާ ވި ހާދިސާގެ އަސްލަކީ ބޯޓުގައި ތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހަކު ގަސްތުގައި ހިންގި އަމަލުތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. މިއަދު ބޭއްވުނު ނޫސް ކޮންފަރެންސެއްގައި ބޮޑުވަޒީރު ރައްޒާޤް ވިދާޅުވީ ސެޓެލައިޓުގެ އެހީގައި ހޯދުނު ހެކިތަކުން، އިސް ވެ ދެންނެވި ކަންކަން ގާތްގަނޑަކަށް ކަށަވަރު ކުރެވިފައި ވާ ކަމަށެވެ. ރާޑަރުތަކަށް ބޯޓު ގެއްލުމަށް ފަހު ވެސް ހަތް ގަޑި އިރު ވާންދެން، ސެޓެލައިޓް ސިގްނަލްތަކަށް ބޯޓުގެ ހިލަން ވަނީ އެކި ފަހަރުފަހަރު މަތީން ވެފައެވެ. ބޮޑުވަޒީރު ރައްޒާޤް އަދިވެސް ވިދާޅުވީ ބޯޓު ހޯދުމުގެ މަސައްކަތުގެ އައު މަރުހަލާއެއް މިއަދު ފެށުނީ ކަމަށެވެ. އުތުރުން ކަޒަކިސްތާނާއި ތުރުކުމާނިސްތާނުން ފެށިގެން ތައިލެންޑާ ހަމަޔަށް، އަދި ދެކުނުން އިންޑިއާ ކަނޑުގެ ދުރު އައްސޭރިން ފެށިގެން އިންޑޮނީޝިއާގެ ދެކުނު ސަރަހައްދާ ހަމަޔަށް ކުރަހައިލެވޭ ދެ ރޮނގުގެ ދޭތެރޭގައި ވާ ފުޅާ ކޮރިޑޯގެ ސަރަހައްދު ހޯދައި ބެލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްއެޗް 370 ފްލައިޓް މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުން ފުރީ 8 މާރިޗު 2014 ގެ ދަންވަރު 12:41 ގައި، ޗައިނާގެ ވެރިރަށް ބެއިޖިންގަށް ދިޔުމަށެވެ. ބޮއިންގ 777-200ER މަރުކާގެ ބޯޓުގައި 12 ފަޅުވެރީންނާއި 227 ދަތުރުވެރީން ތިބި އިރު، އޭގެ ތެރޭގައި ޗައިނާ އާއި، މެލޭޝިއާ އާއި، އީރާނާއި، އެމެރިކާ އާއި، ކެނެޑާ އާއި، އިންޑޮނީޝިއާ އާއި، އޮސްޓްރޭލިއާ އާއި، އިންޑިއާ އާއި، ފަރަންސޭސި ވިލާތާއި، ނިއު ޒީލެންޑާއި، ޔުކްރެއިނާއި، ރަޝިއާ އާއި، ޓައިވާނާއި، ނެދަރލޭންޑަށް ނިސްބަތް ވާ މީހުން ހިމެނެއެވެ. ބޯޓުގެ ހުރިހާ ފަޅުވެރީންނަކީ މެލޭޝިއާގެ ރައްޔިތުންނެވެ. ދަތުރުވެރީންގެ ތެރޭގައި އެންމެ ގިނައީ ޗައިނާ މީހުންނެވެ. އެއީ ޖުމުލަ 153 އެވެ.

ބޯޓު ފުރިތާ ގަޑިއެއްހައި އިރު ވެސް ނުވަނީސް އެއަރ ޓްރެފިކް ކޮންޓްރޯލާ ބޯޓުގެ ގުޅުން ކެނޑުނެވެ. އެއިރު ބޯޓު އުދުހެމުން ދިޔައީ ގަލްފް އޮފް ތައިލެންޑުގެ ސަރަހައްދުން، 33000 ފޫޓު މަތީންނެވެ. އޭގެ ފަހުން މިހައިތަނަށް ވެސް ބޯޓަށް ވީގޮތެއް ބެލުމަށް ޓަކައި އަތްފުނާ އަޅައި ހޯދުމުގެ މަސައްކަތް ކުރިޔަށް ދަނީއެވެ. މި މަސައްކަތުގައި 12 ގައުމެއް ބައިވެރި ވެއެވެ. ނަމަވެސް އަދި އެކަށީގެންވާ ނަތީޖާއެއް ނުފެނެއެވެ. ބޯޓު ތަނަކަށް ޖެއްސީ ކަމެއް، ވެއްޓުނީ ކަމެއް، ނުވަތަ ވައިގެ ތެރޭގައި ގޮވީ ކަމެއް ވެސް ނޭނގެއެވެ. އެއް ބަޔަކު ބުނާ ގޮތުން، ބޯޓު އުޑަށް އަރުއްވައިގަތީ ކަމެއް ވެސް ބިމަށް ނުވަތަ ކަނޑަށް ގަންބަވައިގަތީ ކަމެއް ވެސް ނޭނގެއެވެ.

އެންމެން ކަހަލަ ގޮތަކަށް އެއް ކަމަކަށް އެއްބަސް ވެއެވެ. އެމްއެޗް 370 ފްލައިޓަށް ދިމާ ވި ހާދިސާ މި ވަގުތާ ހަމަޔަށް އޮތީ ފަހަކަށް އައިސް ހިނގި އެންމެ އަޖާއިބު ކުރުވަނިވި، އެންމެ މަޖުހޫލު އެއް ހާދިސާގެ ގޮތުގައެވެ.

ސުވާލުތައް
ބޮއިންގ 777 ހުރިހާ ވައްތަރެއްގެ ބޯޓުގައި ވެސް އެއްވެސް ކަހަލަ ގޮވުމަކުން ހަލާކު ނުވާ ބާވަތުގެ "ކަޅުފޮށި" ހުރެއެވެ. އަދި މީގެ ބޯޓެއް ކަނޑަށް ވެއްޓުނަސް، ކަޅުފޮށީން 30 ދުވަސް ވާންދެން އޭތި އޮތް ތަނެއް އެނގޭނޭ ސިގްނަލެއް ފޮނުވައެވެ. މީގެ އިތުރުން، ބޯޓުގެ ވަރަށް ގިނަ ބައިތަކަކީ ކަނޑަށް ވެއްޓުނަސް ފެންމަތީ ހުންނަ ގޮތަށް ހެދިފައި ވާ ބައިތަކެވެ. މިސައިލެއް ކަހަލަ އެއްޗަކުން ބޯޓު ގޮއްވައިލެވުނު ނަމަ، ރާޑަރުތަކަށް ނާރާ ގޮތަކަށް އެ ކަމެއް ނުހިނގާނެއެވެ. ބޯޓު ދަތުރު ކުރަމުން ދިޔައީ ޗައިނާގެ ދެކުނުގެ ސަރަހައްދުން ކަމަށް ވާއިރު، އެ ސަރަހައްދަކީ ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ރާޑަރު ފޯކަސް ކުރެވިފައި ވާ އެއް ސަރަހައްދެވެ. ވީމާ، ބޯޓު ގޮވި ނަމަ، އެކަން ނޭނގިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟

އެމްއެޗް 370 ހައިޖެކް ކުރެވުނީ ތޯ މިއީ މިހާރު ކުރެވޭ އެންމެ ބޮޑު އެއް ސުވާލެވެ. މިއަދުގެ ނޫސް ކޮންފަރެންސުގައި މެލޭޝިއާގެ ބޮޑުވަޒީރު ރައްޒާޤު ދެއްކެވި ވާހަކަފުޅުގައި އޭނާ "ހައިޖެކް" މި ލަފުޒު ބޭނުން ނުކުރައްވާން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވި ތަން ފެނުނެވެ. ނަމަވެސް ބޯޓުގައި ތިބި ބަޔަކު ބޯޓުގެ މުއާސަލާތީ ނިޒާމު ގަސްތުގައި ނިއްވައިލި ކަމަށް އޭނާ ވިދާޅުވި ވިދާޅުވުމުން ނެގޭ މާނައަކީ ބަޔަކު ބޯޓު ހައިޖެކް ކުރުން ކަމަށް ބައެއް މީހުން ދެކެއެވެ.

އިންޓަރޕޯލުގެ ސެކްރެޓަރީ ޖެނެރަލް ރޮނާލްޑް ނޯބަލް ވަނީ، އެމްއެޗް 370 ގެއްލުމުގެ ހާދިސާ އާއި ނިރުބަވެރީންނާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމަށް ފެންނާން ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ނިރުބަވެރީން ބޯޓު ހައިޖެކް ކޮށްގެން ކޮންމެވެސް ސިއްރު ތަނަކަށް ގެންދިޔައީއެވެ. ބޯޓުގައި ތިބި އެންމެން ސަލާމަތުން ތިބި ކަމަށާއި، ނަމަވެސް ބޯޓުގެ މުއާސަލާތީ އެންމެހައި އާލާތްތަކަކާއި ނިޒާމު ނިއްވައިލެވިފައި ވާ ކަމަށް އެމީހުން ބުނެއެވެ. އޭގެ އެއް ހެއްކަކީ، އެމީހުން ބުނާ ގޮތުގައި، ބޯޓުގައި ތިބި ބައެއް މީހުންގެ މޯބައިލް ފޯނުތަކަށް މިހާރުވެސް ގުޅުމުން، ރިންގު ވާ ކަމެވެ. ނަމަވެސް ދެން އުފެދޭ ސުވާލަކީ، ބޮޑު ސިންގާ، 100 ޓަނުގެ ޖެޓެއް ގެންގޮސް، މުޅި ދުނިޔެއަށް ސިއްރުން ފޮރުވައިފައި ބޭއްވޭނީ ކޮން ތަނެއްގައިތޯ، މި ސުވާލެވެ. އުތުރު ކޮރެއާގެ ޕިޔޯންގޔެންގަކީ އެފަދަ ތަނެއް ކަމަށް އެމީހުން ބުނެއެވެ. ޕިޔޯންގޔެންގާ ހަމަޔަށް އުދުހެވޭ ވަރަށް ބޯޓުގައި ތެޔޮ ހުރިކަން އެއީ ޔަގީން ކަމެކެވެ. ހަމައެހެންމެ، މީގެ ކުރީން އުތުރު ކޮރެއާ ވަނީ މަތިންދާބޯޓެއް ހައިޖެކް ކޮށްގެން އެ ގައުމަށް ގެންގޮސް "ކުޅިގަނޑެއް" ކުޅެފައެވެ. އެމްއެޗް 370 އަށް ވެސް އެ ދަތުރު ޖެހުނީ ހެއްޔެވެ؟

އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޯޓު އިންޑިއާ ކަނޑަށް ވެއްޓިފައި ވުމަކީ ވެސް އިހުތިމާލެކެވެ. އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ފެށުނީ މިއަދު ކަމަށް ވާތީ، މި އިހުތިމާލާ ބެހޭ ގޮތުން އަދި ދެކެވޭނެ މާކަގިނަ ވާހަކަތަކެއް ނެތެވެ. އިންޑިއާ ކަނޑަކީ ބިޔަ ކަނޑެކެވެ. ހަތްގަޑި އިރަށް ވުރެ ގިނަ އިރު ބޯޓު ހުޅަނގަށް އުދުހުނު ނަމަ، އިންޑިއާ ކަނޑުގެ ވަރަށް ދުރު ހިސާބަކަށް ބޯޓަށް ދެވިދާނެއެވެ. ވީމާ، މިހާރު އޮތް އެންމެ ބުއްދި ގަބޫލު ކުރާ އިހުތިމާލަކީ ވެސް އިންޑިއާ ކަނޑުގެ މަތީން ހުޅަނގަށް އުދުހެނިކޮށް، ބޯޓު ކަނޑަށް ވެއްޓުނީ ކަމުގެ އިހުތިމާލެވެ.

ދެކުނު ޗައިނާ ކަނޑުން ފެށިގެން ތުރުކުމާނިސްތާނާއި، އިންޑިއާ ކަނޑުގެ ހުޅަނގުދެކުނުން ފެށިގެން އިންޑޮނީޝިއާއާ ހަމަޔަށް އޮތް ސަރަހައްދުގެ ތެރޭގައި ވިޔަސް، އަދި އެހެން ސަރަހައްދެއްގައި ވިޔަސް، އޮތް ވައިގެ ބަނދަރެއްގައި ބޯޓު ޖެއްސި ނަމަ، އެކަން މިއަދާ ހަމަޔަށް ސިއްރު ވެފައި އޮތުމަކީ މުސްތަހީލު ކަމެކެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއި ކަންކަން ހުރި ގޮތަށް ބަލާ އިރު، މަތިންދާބޯޓެއް ގޮސް ދުނިޔޭގެ އެއްވެސް ގައުމެއްގައި ބަނދަރު ކޮށްގެން އޮންނަ އޮތުން ސިއްރު ވެފައެއް ނޯންނާނެއެވެ.

މި ޒަމާނަކީ ޖީޕީއެސްގެ ޒަމާނެވެ. "ކްލައުޑް ކޮމްޕިއުޓިން" ގެ ޒަމާނެވެ. ދުނިޔޭގެ ޖައްވުގެ އެކިއެކި ހިސާބުތަކުގައި އެތައް ސަތޭކަ ސެޓެލައިޓެއް، އެސްފިޔަ ވެސް ޖަހައިނުލައި، ވާނުވާ ބަލަމުން ގެންދާ ޒަމާނެވެ. އެތައް ހާސް ރާޑަރަކުން ގާތާއި ދުރު ބަލަމުން ގެންދާ ޒަމާނެވެ. މި ޒަމާނުގައި ވަޔަށް އަރުވާ ކޮންމެ ބޯޓަކީ ވެސް، އަދި ހެދިފައި ވާ ކޮންމެ ވައިގެ ބަނދަރަކީ ވެސް ބުއްދި ހައިރާން ކޮށްލާ ފެންވަރަށް ތަރައްގީ ކުރެވޭ އެއްޗެއްސާއި ތަންތަނެވެ. ކަންއޮތީ މިހެން ކަމަށް ވާއިރު، މަތިންދާބޯޓެއް ހަމަ ހުރެފައި، ޖެހުނުތާ ލަކުނު ވެސް ނުބަހައްޓައި، ގާއިބު ވުމަކީ ވާނެ ކަމެއް ކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ.

ބޮއިންގ 777 ގެ ބޯޓުތަކުގައި ހުންނަ ސެޓަލައިޓް އެންޓަނާގައި މައްސަލަތަކެއް ހުންނަ ކަމަށާއި، އެ އެންޓަނާތައް ވިރި، ރެނދުއެޅުން ފަދަ ކަންތައް ދިމާ ވާ ކަމަށް އެމެރިކާގެ ރަސްމީ އިދާރާއަކުން މިދިޔަ އަހަރު ދިން އިންޒާރެއްގެ ވާހަކަ ވެސް މިހާރު އެބަ ދެކެވެއެވެ. ނަމަވެސް ބޮއިންގ ކުންފުނީން ކަށަވަރު ކޮށްދޭ ގޮތުގައި، އެމްއެޗް 370 ފްލައިޓް ބޯޓުގައި ހުރީ ތަފާތު ވައްތަރެއްގެ، މައްސަލަ ނުޖެހޭ އެންޓަނާއެކެވެ.

ފްރިންޖް ސައިންސާއި ކޮންސްޕިރެސީ ތިއަރީ
ދެން އޮތީ އެންމެ ބޮޑު އެއް ސުވާލެވެ. އެމްއެޗް 370 ގެއްލުމުގެ ހާދިސާގެ ފަހަތުގައި އޭލިއަނުންނާއި ޔޫއެފްއޯ ފަދަ ކަންތައްތަކެއް އޮތުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟

މިހާރުވެސް ޔޫއެފްއޯ ތަހުގީގު ކުރާ ތަޖުރިބާކާރުންނާއި އިދާރާތަކުން ވަނީ އޭލިއަނުން ގެއްލުނު ފްލައިޓް "ޖަހައިގަނެގެން ދިޔުން" މި އިހުތިމާލާ މެދު ވާހަކަ ދައްކާން ފަށައިފައެވެ. "މިއުޗުއަލް ޔޫއެފްއޯ ނެޓްވާރކް" ނުވަތަ މުފޯންގެ އެގްޒެކެޓިވް ޑިރެކްޓަރ ޔާން ސީ. ހާރޒެން ވިދާޅުވާ ގޮތުގައި އެމްއެޗް 370 ދަތުރު ކުރި ސަރަހައްދުން ޔޫއެފްއޯގެ ހަރަކާތްތަކެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، "މަތިންދާބޯޓުތަކާއި ޔޫއެފްއޯގެ ބައްދަލުވުންތައް ހިމެނޭ ހާދިސާތައް ނާދިރު ގޮތެއްގައި ނަމަވެސް ތާރީޚުން ފެނިފައި ވެއެވެ".

މިދިޔަ ބުރާސްފަތި ދުވަހު، މުފޯންގެ ފަރާތުން ވަނީ އެމެރިކާގެ ހަފިންގޓަން ޕޯސްޓުގެ ނޫސްވެރީންނާ މިކަމާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. މުފޯންގެ ޕެންސިލްވޭނިއާ ގޮފީގެ ސްޓޭޓް ޑިރެކްޓަރ ޖޯން ވެންޓްރޭ ވިދާޅުވީ "މަތިންދާބޯޓުގައި ހިމެނޭ ކަޅުފޮށްޓާއި، ޓްރާންސްޕޮންޑަރާއި، ރާޑަރާއި، ވެއްޓޭ ބޯޓުގެ ފެންނާން އޮންނަ ބައިތަކާއި، ގޮވުންތަކާއި މިސައިލް ހަމަލާތަކުގެ އަސަރުތައް ފަދަ ހުރިހާ ދިމަދިމާޔަކަށް ބެލިޔަސް، ހެކިތަކެއް ފެންނާން ހުންނާނެ" ކަމަށެވެ. އެފަދަ އެއްވެސް ހެއްކެއް އެމްއެޗް 370 ގެ ހާދިސާއާ ގުޅިގެން މިހައިތަނަށް ފެންނާން ނެތުމާއެކު، "ބައެއް ދިރާސާކުރުންތެރީން މިހާރު ދެކެނީ، އޭލިއަނުންތަކެއް ގެއްލުނު ފްލައިޓް ޖަހައިގަނެގެން ދިޔައީ ކަމަށް ބުނުން އެއީ މި ވަގުތަށް ބުނެވެން އޮތް ވާހަކަ" ކަމަށެވެ.

"އެމެރިކާގެ އަސްކަރިއްޔާއިން ހުރިހާ ކަމެއް އެބަ ބަލައި މޮނިޓަރ ކުރޭ. އަޑުގެ ސިގްނަލްތަކުން ފެށިގެން ހުރިހާ ބާވަތެއްގެ ސިގްނަލްތަކެއް ބަލަމުން ގެންދަނީ ރާޑަރުތަކާއި ސެޓެލައިޓުތަކުގެ އެހީގައި. ހަގީގަތުގައި ކަންތައް ވީ ގޮތް އަސްކަރިއްޔާގެ ސެޓެލައިޓުތަކަށް ފެނިފައި ހުންނާނެ ކަމާ މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން. އެކަމަކު، ވީ ގޮތް އެއީ ސިއްރު ކުރާން ޖެހޭ ކަމަކަށް ވެދާނެ." ވެންޓަރ އިތުރަށް ވިދާޅުވިއެވެ.

މުފޯންގެ ވެބްސައިޓުގެ އެޑިޓޯރިއަލުގައި ވެސް އެމްއެޗް 370 ގެއްލުނު ހާދިސާއާ ގުޅިގެން "ޔޫއެފްއޯ ހަރަކާތްތައް" އެއީ ސުވާލު ކުރެވޭ ނުކުތާއަކަށް ހަދާން ޖެހޭ ކަމަށް ބުނެފައި ވެއެވެ.

239 މީހުން ގޮވައިގެން ދަތުރު ކުރި ބޯޓަށް އޭލިއަނުންގެ ފަރާތުން ހަމަލާއެއް ކުރިމަތި ވުން އެކަށީގެންވާ ކަމަށް ދެކޭ "ފްރިންޖް ސައިންޓިސްޓުންތަކެއް" ތިބި އިރު، ބޯޓު ގެއްލުމާ ބެހޭގޮތުން ފެންމަތި ވެފައި ވާ "ކްރޭޒީ ކޮންސްޕިރަސީ ތިއަރީތައް" ވެސް ހުރީއެވެ. މި ބާވަތުގެ ތިއަރީތަކަކީ ބުރަދަނެއް ހުރި އެއްޗެހިތަކަކަށް ނުވިޔަސް، އޭގެ އެއް ފައިދާއެއް ވެއެވެ. ކިޔާ މީހާއަށް ހީނލާނެ ފުރުސަތު ލިބުމުގެ ފައިދާއެވެ.

ބައެއް މީހުން ބުނާގޮތުގައި ބޯޓު ގެއްލުމުގެ ހާދިސާއާ، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ހިންގާ ކަންތައްގަނޑުގެ ސިއްރުތައް ފަޅާ އަރުވައިލުމަށް ފަހު، ރަޝިއާއިން ހިމާޔަތް ހޯދައިގެން އުޅޭ މަޝްހޫރު އެޑްވަރޑް ސްނޯވޑަނާ ގުޅުމެއް ވެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، ބޯޓު ހައިޖެކް ކުރީ އީރާނުންނެވެ. އަދި ބޯޓު މިހާރު ވީ އީރާނުގައި ކަމަށާއި، އީރާނު މީހުން ބޯޓުގެ ބޭނުން ކުރާން ގަސްތު ކޮށްފައި ވަނީ ޓެކްނޮލޮޖީ ވަގަށް ނެގުމަށް ކަމަށް ވެސް އެމީހުން ބުނެއެވެ. ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަށް ޓަކައި ވިއެޓްނާމު ނުވަތަ އުތުރު ކޮރެއާގެ އަސްކަރީން ބޯޓު އަތުލައިގަނެގެން ގޮސް ފޮރުވައިފައި ވެއްޖެޔޭ ވެސް އެއް ބަޔަކު ބުނެއެވެ. ހަމައެފަދައިން، ދެކުނު ޗައިނާ ކަނޑުގައި ވެސް "ބާރމިއުޑާ ޓްރޭންގަލެއް" އުފެދުނީ ކަމަށާއި، ބޯޓު އެ ޓްރޭންގަލުގެ ތެރެއަށް ގެއްލުނީ ކަމަށް އެއް ބަޔަކު ބުނާ އިރު، ބޯޓުގައި އޮތް އައިފޯން އެޕްލިކޭޝަނަކުން ވަރުގަދަ ހައިޑްރޯޖަން ބޮމެއް ކޮންޓްރޯލް ކޮށް، އެ ބޮން ގޮއްވައިލުމާ ގުޅިގެން "ބްލެކް ހޯލެއް" އުފެދި އެ ބްލެކް ހޯލުގެ ތެރެއަށް ބޯޓު ދަމައިގަތީ ކަމަށް ވެސް އެއް ބަޔަކު ކިޔައެވެ. ހަމައެފަދައިން، ބޯޓު ގެއްލުމުގެ ފަހަތުގައި ވާ ބަޔަކީ "އިލުމިނާޓީ" ޖަމާއަތް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.

ދެން އޮތީ ވެސް މި ކަހަލަ ވާހަކައެކެވެ.
އެމެރިކާ އަސްކަރިއްޔާ އާއި އަސްކަރީ ދިރާސާތައް ކުރާ ބައެއް އިދާރާތަކާއި ޔުނިވަރސިޓީ އޮފް އެލަސްކާ ގުޅިގެން "ހައި ފްރިކުއެންސީ އެކްޓިވް އޮރޯރަލް ރިސާރޗް ޕްރޮގްރާމް" (ހާރޕް) ގެ ނަމުގައި ދިރާސާ މަޝްރޫއެއް ހިންގައެވެ. އެލަސްކާ އާއި، އަދި ޕެސިފިކް ކަނޑުގެ އަޑީގައި ބިނާ ކޮށްފައި ހުންނަ ވަރުގަދަ ރިސާރޗް މަރުކަޒުތަކަކާއި ފެސިލިޓީތަކެއްގައި ކުރިޔަށް ގެންދާ ދިރާސާތަކާ ބެހޭގޮތުން އެމެރިކާގެ ރަސްމީ އިދާރާތަކުން ދައްކާ ވާހަކަތައް ވަރަށް ސާފެވެ. ނަމަވެސް އަޅުގަނޑު ބަލާލާނީ މި މަޝްރޫއާ ގުޅިގެން، އެއްކަލަ "ކްރޭޒީ ކޮންސްޕިރެސީ ތިއަރިސްޓުން" ދައްކާ ވާހަކަތަކަށެވެ.

ކޮންސްޕިރެސީ ތިއަރީތައް ބުނާ ގޮތުން ހާރޕްގެ ފޮރުވިފައި ވާ އަމާޒަކީ ނިއުކުލިއަރު ސައިންސުގެ އެންމެ ކަވި ދާއިރާތަކުގެ ތެރެއަށް ފީނައިގެން، ދުނިޔޭގެ މޫސުމާއި، ސުނާމީ އާއި ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ގޮވުން ފަދަ ގުދުރަތީ ހާދިސާތައް އިންސާނާގެ ކޮންޓްރޯލުގެ ދަށަށް ގެނައުމެވެ. އިންސާނާގެ ކޮންޓްރޯލުގެ ދަށަށް ގެނައުމޭ ދެންނެވުމަށް ވުރެ ރަނގަޅު ވާނީ އެމެރިކާގެ ކޮންޓްރޯލުގެ ދަށަށް ގެނައުމޭ ދެންނެވިއްޔާއެވެ. މިކަން ކުރެވިއްޖެ ނަމަ، އެމެރިކާ ބޭނުން ދިމާއަކަށް، ބޭނުން ތަނަކަށް، ބޭނުން އިރަކު ބިންހެލުންތަކާއި ވަރުގަދަ ތޫފާންތަކާއި ސުނާމީތައް ގެނެވިދާނެއެވެ. މި މަޝްރޫއާ ގުޅިގެން، އެމެރިކާއިން ތަފާތު އެކި ބާވަތްބާވަތުގެ ތަޖުރިބާތައް ކުރަމުން ގެންދާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. 2004 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދެއްގައި، އިންޑޮނީޝިއާގެ އައްސޭރިފަށުގައި، އައި ވަރުގަދަ ބިންހެލުމާއި، އެ ބިންހެލުމާ ގުޅިގެން އެރި ވަރުގަދަ ސުނާމީ އަކީ ވެސް ހާރޕް މަޝްރޫއުގެ ތަޖުރިބާއެއްގެ ނަތީޖާ ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެއެވެ. އެމްއެޗް 370 އަށް ދިމާ ވި ހާދިސާއަކީ ވެސް މިގޮތުން ހާރޕްގެ ތަޖުރިބާއެއް ނުވަތަ ޓެސްޓެއްގެ ނަތީޖާ ހެއްޔެވެ؟

ފްރިންޖް ސައިންސާއި ކޮންސްޕިރެސީ ތިއަރީތަކުގެ ވާހަކަ ދައްކާ ތަނެއްގައި، މިކަމާ ބެހޭގޮތުން އަޅުގަނޑުގެ ރައްޓެއްސަކު ބުނި އެއްޗެއް ވެސް ދަންނަވައިލެވިދާނެ ކަމަށް ދެކެމެވެ. "ޖިންނީންގެ ބައިގަނޑެއް އައިސް ބޯޓު ޖަހައިގަނެގެން ދިޔައީ" މިއީ އޭނާ ބުނި އިބާރާތެވެ. މިކަމާ ބެހޭގޮތުން ދެން ބުނާނެ އެއްޗެއް އަޅުގަނޑަކަށް ނޭނގެއެވެ. ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟

އިންސާނީ މަންޒަރު
އެމްއެޗް 370 އަށް ކޮންމެ ގޮތެއް ވީ ނަމަވެސް، ދިމާ ވެގެން މި އުޅޭ ހާދިސާ އަކީ ފަހަކަށް އައިސް ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާއެވެ. އެ ހާދިސާއަކީ އިންސާނީ މުސީބާތެކެވެ. އެއް ބަޔަކު އެއްގަމާއި ކަނޑުގައި އަތްފުނާ އަޅައި، ބޯޓުގެ ހިލަމެއް ދިލަމެއް ވޭތޯ ބަލަމުން ދާ އިރު، އަދި އެއް ބަޔަކު ފާޑުފާޑުގެ ތިއަރީތައް ހުށަހަޅައި އެނގޭން ހުރި ކަންތައްތަކުގެ މަތިމައްޗަށް ތޯތޯ ވާހަކަ އޮއްސަމުން ދާ އިރު، ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާތައް ތިބީ ކަރުނައިގެ ތެރެއަށް ގެނބިފައެވެ. ޗައިނާ އާއި މެލޭޝިއާ ފަދަ ގައުމުތަކުގައި، އެތައް އާއިލާތަކެއް ގެންދަނީ ގެއްލިދިޔަ އެއްބަނޑުތިމާގެ މީހުންނާއި ރަހުމަތްތެރީންގެ ހަނދާނުގައި، އެމީހުންނަށް ވީނުވީއެއް ނޭނގޭތީ، ހިތްދަތި ދުވަސްތަކެއް ގުނަމުންނެވެ.

ބޯޓުގައި ތިބި މީހުންގެ އާއިލާތަކުގެ މެންބަރުން ވެސް ކިޔައިދޭ ވާހަކަތައް އެބަ ހުއްޓެވެ. އެފަދަ އެއް ވާހަކައަކީ އޮސްޓްރޭލިއާގެ "ސިޑްނީ މޯރނިންގ ހެރާލްޑް" ނޫހުގައި ޝާއިއު ކުރި ވާހަކައެކެވެ. އެ ނޫހުގައި ބުނެފައި ވާ ގޮތުން، ޕޯލް ވީކްސް، އޮސްޓްރޭލިއާގެ ޕާރތުން ފުރީ މޮންގޯލިއާއަށް ދިޔުމުގެ ދަތުރެއްގައެވެ. ފުރަމުން، އޭނާގެ އަންހެނުން ޑެނިކާ ވީކްސްގެ އަތަށް ދޭއްޗެއް ދިނެވެ. އެކައްޗަކީ އެ ދެމަފިރީންގެ ކައިވަނީގެ އަނގޮޓިއެވެ. އަނެކައްޗަކީ އޭނާގެ އަތުކުރީ ގަޑިއެވެ. "އޭނާ އަހަރެންގެ ގާތުގައި ބުނީ، ތިމަންނާއަށް އެނބުރި ނާދެވިދާނެޔޭ، އެއްވެސް ކަހަލަ ދެރަ ގޮތެއް މެދުވެރި ވެއްޖެ ނަމަ، ތިމަންނާގެ އަނގޮޓި، އަހަރެމެން ދެމަފިރީގެން ދެ ފިރިހެން ދަރީންގެ ތެރެއިން ފުރަތަމަ ކައިވަނި ކުރާ ކުއްޖަކަށް ދޭށޭ، އަދި އަނެއް ކުއްޖާއަށް ތިމަންނާގެ އަތުކުރީ ގަޑި ދޭށޭ." ޑެނިކާ، ހެރާލްޑުގެ ނޫސްވެރީންނަށް ކިޔައިދިނެވެ. ރޮމުންރޮމުންނެވެ. "އަހަރެން ބުނީން ތިޔަ ކަހަލަ މޮޔަ ވާހަކަ ނުދައްކާށޭ، ގޮސް މަސައްކަތް ނިންމައިފައި އަވަހަށް އަނބުރައި އަންނާށޭ، ކުދީންނަށް ތިޔަ ހަދިޔާތައް ދޭނީ ޕޯލްގެ އަމިއްލަ އަތުންނޭ." ޑެނިކާ ބުންޏެވެ.

ނަމަވެސް ފެންނަފެނުމުގައި، ޕޯލްގެ ދެ ހަދިޔާ، އޭނާގެ ދެ ކުދީންނަށް ދޭން ޖެހޭނީ ޑެނިކާއެވެ.

ވައިގެ ދަތުރުފަތުރުގައި، މި ކަހަލަ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރީން ވެސް އަޖައިބު ކުރުވަނިވި ހާދިސާތައް ހިނގައި، ކަން ހިނގި ގޮތާ މެދު އެކަށީގެންވާ ފަދަ ޖަވާބުތަކެއް ނުލިބި އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ހާދިސާއަކީ 1937 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. އެ ހާދިސާގައި، އެމީލިއާ އިއަރހާރޓް ކިޔާ އަންހެނަކު މަތިންދާބޯޓެއްގައި ދުނިޔެ ވަށައި ބުރު ޖެހުމަށް ގަސްތު ކޮށްގެން ދަތުރު ފެށިއެވެ. އޭނާއާ އެކު، ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރެއް ކަމަށް ވާ ކެޕްޓަން ފްރެޑް ނޫނާން ވެސް ބައިވެރިވިއެވެ. އެ ދެ މީހުން ދަތުރު ކުރި ބޯޓު ޕެސިފިކް ކަނޑުގެ މަތީން އުދުހެމުން ދަނިކޮށް، ކުއްލިޔަކަށް ވީގޮތެއް ނޭނގި ގެއްލުނީއެވެ. އެ ދެމީހުން ހޯދުމަށް އެއިރު ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުފެނި، އެ މަސައްކަތް ހުއްޓައިލެވުނީއެވެ. މިއަދާ ހަމަޔަށް ވެސް އެމީލިއާ އިއަރހާރޓާއި އޭނާގެ ބޯޓަށް ވީގޮތެއް ހޯދުމުގެ މަސައްކަތް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް އެ ބޯޓުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

މި ދަންނަވަނީ 1930 ގެ އަހަރުތަކުގެ ތެރޭގައި ހިނގި ހާދިސާއެއްގެ ވާހަކައެވެ. އެއިރާ މިހާރާ ވެސް ވަރަށް ތަފާތެވެ. އެއިރުގެ ޓެކްނޮލޮޖީއަށް ވުރެ މިހާރުގެ ޓެކްނޮލޮޖީ އެތައް ގުނައެއް ވަރުގަދައެވެ. ފުރިހަމައެވެ. 2009 ވަނަ އަހަރު، އެއަރ ފްރާންސްގެ ފްލައިޓް ނަންބަރު 447 ބްރެޒިލުގެ ރިއޯ ޑި ޖެނެއިރޯއިން ފުރައިގެން ޕެރިހަށް އުދުހުނު މަގުމަތީގައި، އެޓްލާންޓިކް ކަނޑަށް ވެއްޓުނު ހާދިސާގައި ވެސް، އެންމެ 2 ދުވަހުގެ ތެރޭގައި، ބޯޓުގެ ބައިތައް ހުރި ހިސާބު ހޯދިފައި ވެއެވެ. ވީމާ، އެމްއެޗް 370 ކަނޑަށް ވެއްޓުނު ނަމަ، ބޯޓުގެ ބައިތައް ނުފެނިގެން ހޯދުމުގައި އެތައް ދުވަހެއް ނުވަތަ އެތައް ހަފުތާތަކެއް ފާއިތު ވާކަށް ނުޖެހެއެވެ. އެހެން ވާނެ އޮތީ އެންމެ ސަބަބެކެވެ. އެއީ ނުބައި ދިމާއެއް ހޯދުމެވެ. ހޯދުމުގެ ފޯކަސް މިހާރު އިންޑިއާ ކަނޑަށް ބަދަލު ކުރެވިފައި ވާތީ، ކުރިޔަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ބޮޑު ޚަބަރެއް ލިބުން ވަރަށް ގާތެވެ.