ޓެކްސީއަކަށް އެރި 21 އަހަރުގެ އަންހެން ކުއްޖަކާ "ބެހެން" އުޅުނު ޑްރައިވަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ 21 އަހަރުގެ އަންހެން ކުއްޖާ ސޯޝަލް ސެންޓަރު ކައިރިން ގެއަށް ދިއުމަށްޓަކައި މަގުމަތިން ނެގި ޓެކްސީއެއްގައި ދަތުރު ކުރަމުން ދަނިކޮށް މިރޭ 19:30 ހާއިރު ކަމަށެވެ.

އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 56 އަހަރުގެ މީހެކެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ. މުރައިދޫ ނޫވިލާގޭ އަލީ ރަޝީދެވެ.

ޑްރައިވަރު "ބެހެން" އުޅުނު އަންހެން ކުއްޖާގެ ކޮއްކޮޔަކު "ސަން"އަށް ބުނީ ދައްތައާ ބެހެން އެ ޑްރައިވަރު ކުރިން ވެސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ޖަސްޓިސް ބިލްޑިންއަށް ދިއުމަށް މަގުމަތިން ނެގި ޓެކްސީއެއްގައި ދުއްވަން އިނީ އެ ޑްރައިވަރު ކަމަށާއި އެފަހަރު ވެސް ދައްތައާ "ބެހެން" އޭނާ އުޅުނު ކަމަށާއި މިރޭ ވެސް އިއްތިފާހުން އެ ޓެކްސީއަށް ދައްތައަށް އެރުނީ ކަމަށް އޭނާ ބުންޏެވެ.

"ދައްތަ ބުނާ ގޮތުން އޭނަ ވާހަކަ ދައްކަނީ 'ބޭބީ' އޭ ކިޔާފަ. ކޮންތާކަންހޭ 'ބޭބީ' ގެންގޮސް ދޭންވީ. އެހެން ކިޔާފަ ގައިގައި އައްލާން އުޅުމުން ވަގުތުން ޓެކްސީ މަޑުކުރާށޭ ބުނުމުން، ދޮރު ހުޅުވާފައި ދައްތަ ފޭބީ،" އަންހެން ކުއްޖާގެ ކޮއްކޮ ބުންޏެވެ.

މި މައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.