އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ވަގުތު މާދަމާ މެންދުރަށް އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާވާ ގޮތުން ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ސުންގަޑި ހަމަވާނީ މިރޭ 10:30 އަށެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކެންޑިޑޭޓުން ސޮއި ކުރުމުގެ ވަގުތު ހަމަވާނީ މާދަމާ މެންދުރު 12:00 އަށް ކަމަށެވެ. އަދި ކެންޑިޑޭޓުން މާދަމާ ސޮއި ކުރަން ހުޅުވާލާނީ ހެނދުނު 8:30 ގައި ދަރުބާރުގޭ ފާށަނާ މާލަމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ވަގުތު މާދަމާއަށް ހުޅުވާލީ ބައެއް އަމިއްލަ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން އެދިގެން ކަމަށެވެ.

ކެންޑިޑޭޓުން ސޮއި ކުރުމުގެ ވަގުތު މާދަމާ މެންދުރަށް އިތުރު ކުރިއިރު، އެމްޑީޕީ އާއި އެމްޑީއޭ އާއި ޖުމްހޫރީ އަދި އަދާލަތު ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ވަނީ ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާލައިފަ އެވެ. ޖުމްހޫރީ ޕާޓީން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާލީ މިއަދު އިރުއޮއްސުނު ފަހުންނެވެ. އަދި އަދާލަތުން ވެސް ސޮއިކޮށް ނިންމާލީ މިރެ އެވެ. އެމްޑީޕީގެ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމާލީ އިއްޔެ ނިންމާލި އިރު އެމްޑީއޭގެ ކެންޑިޑޭޓުން ލިސްޓްގައި ސޮއި ކުރީ ރެ އެވެ.

އެމްޑީޕީން 85 ދާއިރާ އަށް ވާދަ ކުރާ އިރު ޖޭޕީން ވާދަ ކުރަނީ 28 ގޮނޑި އަށެވެ. އަދާލަތު ޕާޓީން 12 ގޮނޑިއަށެވެ. އެމްޑީއޭ އިން ހަތް ދާއިރާ އަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަކީލު މިރޭ ސަން އަށް ވިދާޅުވީ ޕީޕީއެމް އިން ވެސް ލިސްޓްގައި ސޮއިކުރަމުންދާ ކަމަށެވެ. ޕީޕީއެމް އިން 50 ގޮނޑިއަށް ވާދަ ކުރެ އެވެ.

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޔާން ކުރާ ގައިޑްލައިނާ އެއްގޮތަށް އާންމު އިންތިހާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ސޮއި ކުރަންޖެހޭނެ ކަމަށް ބުނެފައި ވާތީ އެވެ.