15 Mar 2014, 19:05
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކިބައިން އެދިއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ޒަމީރު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވައިދިނުމަށް އެދިފައި ވަނީ މަޖިލީހުގައި އެތަށް މަސައްކަތްތަކެއް ނުނިމި ހުރުމުން އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިނުވާއިރު، އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ މެމްބަރުންގެ ބަދަލުގައި ބޭފުޅުން އައްޔަންކޮށްފައިނުވާ ކަމަށާއި އެ މަގާމްތަކަށް ވީހާވެސް އަވަހަކަށް ބޭފުޅުން އައްޔަން ކުރުމަށް އެ ޕާޓީން ބޭނުންވާ ކަމަށެވެ.
މުސްތަގިއްލު މަގާމްތަކަށް އައްޔަން ކުރަންޖެހޭ ބޭފުޅުން އައްޔަންކޮށްފައިނުވާއިރު، ކޮމެޓީތަކުގައި ވެސް ނުނިމި އެތައް މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ބޭނުންވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް އޮންނަނީ ކޮންމެ ދުވަހަކު ނޫންކަމަށާއި އެހެންކަމުން ޖަލްސާތައް ނޯންނަ ދުވަސްތަކުގައި ކެމްޕޭންކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި އެތަކެއް މަސައްކަތްތަކެއް ނުނިމިހުރި އިރު، އެންމެ ފަހުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، މަޖިލީހުގެ ރައީސަށް ލިބިގެންވާ ވިރާސީ ބާރުގެ ދަދުން އިންތިޚާބު ނިމެންދެން ޖަލްސާތައް ނުބާއްވަން ނިންމާފައިވާ ކަމަށެވެ.