އެމެރިކާ ސަރުކާރު ވާން ޖެހޭނީ އިންޓަނެޓަށް ބިރަކަށް ނޫން ކަމަށާއި އެމެރިކާ ވާން ޖެހޭނީ އިންޓަނެޓްގެ ޗެމްޕިއަނުން ކަމަށް އެންމެ ބޮޑު އެއް ސޯސަލް ނެޓްވޯކް، ފޭސްބުކްގެ ބާނީ މާކް ޒުކަބާގް ބުނެފި އެވެ.

އިންޓަނެޓް ހިމާޔަތް ކޮށްދިނުމަށް އެދި އެމެރިކާގެ ސަރުކާރަށް ޒުކަބާގް ގޮވައިލީ، ޔޫއެސް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ފޭސްބުކް ސާވާތަކަށް ވަދެ ޓާގެޓް ކުރެވިފައިވާ ކޮމްޕިއުޓަރުތަކަށް ވަދެ ބަލާނެ ކަމަށް ބުނެ ރިޕޯޓެއް އާންމު ކުރުމުންނެވެ.

"އަހަރެމެންގެ އިންޖިނިއަރުން މަސައްކަތް ކުރަނީ ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރަން. އަހަރެމެން މިއުޅެނީ ހެކަރުންގެ އަތްދަށުން ސަލާމަތްކޮށްދޭން، ސަރުކާރުގެ ކިބައިން ސަލާމަތްކޮށްދޭކަށް ނޫން." ޒުކަބާގް ބުންޏެވެ. "އެމެރިކާ އިން ވާން ޖެހޭނީ އިންޓަނެޓްގެ ޗެމްޕިއަނުންނަށް، ބިރަކަށް ނޫން."

އެންއެސްއޭގެ ކުރީގެ ކޮންޓްރެކްޓަރެއް ކަމަށްވާ އެޑްވާޑް ސްނޯޑެން ވަނީ އެންއެސްއޭ އިން ހިންގާ ހަރަކާތްތައް މިދިޔަ އަހަރު ލީކު ކޮށްލައިފަ އެވެ. އެ މައުލޫމާތު ތަކުގެ ތެރޭގައި އެންއެސްއޭ އިން ފޯން ރެކޯޑްތައް ބަލަމުންދާ ކަމަށާއި، ފައިބާ އޮޕްޓިކް ކޭބަލް ތަކަށް ވަދެ ޖާސޫސް ކުރުމުގެ އިތުރުން ނެޓްވޯކްތައް ހެކް ކުރަމުންދާ ކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.