15 Mar 2014, 15:06
އެމްޑީޕީގެ ސަގާފަތަކީ އިސްލާމްދީނަށް ފުރައްސާރަ ކުރަމުންދިއުން ކަމަށް ވިދާޅުވެ އެމްޑީޕީ އަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މާލޭގައި ދިރިއުޅޭ ދ. މީދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ދަރުމަވަންތަ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް އެމްޑީޕީން ކުރަމުންދާ ކަންތައްތަކަށް ތާއީދު ކުރާ ނަމަ، މިގައުމަށް ރަހްމަތެއް ނުލައްވާނެ ކަމަށެވެ.
"ދެން ބަލަންވީ އެބޭފުޅުންގެ ސަގާފަތް. މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ރަސޫލާ އަށް ކަނޑައެޅިގެން ޖޯކް ޖެހުމާއި އެފަދަ ކަންކަމަކީ އެފަދަ ކަންތައްތަކަކީ އެބާވަތުގެ މީހުން ކުރަމުންދާ ކަންތައް. މާތް ﷲ ރަހްމަތެއް ނުލައްވާނެ އެބައިމީހުންނަށް ތާއީދުކުރާ ނަމަ،" ސިޔާމް ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ދެ އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސާދު ދުވަހަކު ވެސް ނުދާ ވަރަށް ދަށަށް ދިޔަ ކަމަށް ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ދެ އަހަރު ރައްޔިތުން ތިބީ މިނިވަންކަމާއި އިސްލާމްދީން ގެއްލޭ ހިސާބުގައި ކަމަށެވެ.
"ރާއްޖެ އަށް އަންނާނެ ޓުއަރިސްޓަކު ނުވޭ. ފަޅުރަށްތަކަށް އިންވެސްޓް ކުރާނެ ބަޔަކު ނުވޭ. ރާއްޖޭގެ ރައްޔިތުން ދުވަހަކުން ދުވަހަކު ދިޔައީ ނިކަމެތި ވަމުން. އެންމެ ބޭނުންވާ މިނިވަންކަމާއި އިސްލާމްދީން ގެއްލޭ ހިސާބުގައި ގެންގޮސް ތިބީ،"
ސިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކޮންމެ ފަހަރެއްގައި ދ. އަތޮޅުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މީދޫ ދާއިރާގެ ރައްޔިތުންނަށް، ކޮންމެ ދާއިރާއަކުން ވެސް ތަރައްގީ ހޯދައި ދިނުމަށް ކުރިއަށް އޮތް ފަސް އަހަރު ފެނިގެންދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
މީގެ އިތުރުން އެ އުފާވެރިކަން ދާއިމީ ގޮތެއްގައި ލިބެން ބޭނުންވާ ނަމަ، ޕްރޮގްރެސިވް ކޯލިޝަނަށް ވޯޓު ދިނުމަށް ސިޔާމް އެދިވަޑައިގަތެވެ.