އައިޖީއެމްއެޗުން މާބަނޑު އަންހެނެއްގެ ގަޔަށް އޮޅިގެން އެޗްއައިވީ ލޭ އެޅުނު މައްސަލައަށް ފަހު އެ ހޮސްޕިޓަލުގެ ލެބޯޓަރީގެ ކަންކަން ބެލެހެއްޓުމަށް ހެލްތު މިނިސްޓްރީން މީހަކު ހަމަޖައްސައިފި އެވެ.

ލެބޯޓްރީގެ ކަންކަން ބެލުމަށް ކަނޑައަޅާފައި ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަރީފާ މަނިކެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބް ވިދާޅުވީ ލެބޯޓަރީގެ ކަންކަން ބެލެހެއްޓުމަށް ޝަރީފާ ހަމަޖައްސާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ.

"އައިއެސްސޯ ފެންވަރަށް ހުރި ލެބޯޓަރީއެއް އެއީ. އެހެންވީމަ ކަމެއް ގޯސްކޮށް ދިޔައީމަ ބަލަހައްޓަންޖެހޭނެ ނޫންތޯ؟،" ޑރ. ހަބީބް ވިދާޅުވި އެވެ.

މާބަނޑު މީހެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އަޅާފައި ވަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ރާޖޭޝް ކަކަންތު ބަސްކަރަން ކިޔާ 32 އަހަރުގެ އިންޑިއާ މީހެކެވެ.

މާބަނޑު މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި މައްސަލައިގައި ބަސްކަރަން ހައްޔަރު ކޮށްފައި ވަނީ ކުއްލި ގޮތަކަށް އޭނާގެ ގައުމަށް ފުރައިގެން ދިޔުމަށްފަހު އެނބުރި ރާއްޖެ އައި ފަހުންނެވެ.

އެޗްއައިވީ ލޭ އެޅި މައްސަލައަށް ފަހު ލޭ އެޅި މާބަނޑު އަންހެން މީހާގެ ދަރިފުޅު ވަނީ ސިޒޭރިއަން ހައްދައިގެން ނަގައިފަ އެވެ.