21 Dec 2010, 11:32
ދިވެހި މުޖުތަމައުއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ނިއުޔޯކްގެ އިސްލާމިކް ޔުނިވަސިޓީގެ ޑިރެކްޓާ އިމާމް ހާލިދު ލަތީފް ގޮވައިލައްވައިފި އެވެ.
އިސްލާމިކް ފައިންޑޭޝަން އޮފް ދަ މޯލްޑިވިސް އިން ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ އެ ފައުންޑޭޝަނުން މިއަދު ހެނދުނު އެމެރިކަން ސެންޓަރުގައި ނިއުޔޯކްގެ އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓާ އިމާމް ހާލިދް ލަތީފާ ބައްދަލުކޮށް ދިވެހި މުޖުތަމައުގައި ހުރި މަސައްލަތައް އޭނާ އަށް ކިޔައިދީފައި ވާނޭ ކަމަށެވެ.
އެ މައްސަލަތަކުގެ ހައްލެއްގެ ގޮތުގައި ހާލިދު ހުށަހެޅުއްވި ހިޔާލުތަކުގެ ތެރޭގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިތުރުން ހުރިހާ ޖަމިއްޔާތައް ގުޅިގެން އިތުރު ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި ކަމަށް ވެސް އިސްލާމިކް ފައުންޑޭޝަނުން ބުނެ އެވެ.
އިސްލާމިކް ފައުންޑޭޝަނުން މައިގަނޑު ގޮތެއްގައި ފާހަގަކުރި ތިން މައްސަލައިގެ ތެރޭގައި ޒުވާނުން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ އާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ އާއި ރޭޕްކުރުން ފަދަ މައްސަލަތައް އެއް ދުވަހުން އެނެއް ދުވަހަށް އިތުވަމުންދާދިއުން ހިމެނޭކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެ ބައްދަލުވުމުގައި އިސްލާމިކް ފައުންޑޭޝަނުގެ ފަރާތުން އިސްލާމިކް ފައުންޑޭޝަނުގެ ރައީސް އިބްރާހިމް ފައުޒީ ބައިވެރިވެވަޑައިގަތެވެ. އެމެރިކާގެ އެމްބަސީން ބައިވެރިވީ އެ އެމްބަސީގެ ކަލްޗަރަލް އެފެއާޒް އޮފިސާ ނިއާންވީ އޭ ޔަންގާއި އަދި އެމެރިކަން އެމްބަސީގެ އިންފޮމޭޝަން ސަޕޯޓް ޑިރެކްޓަރު ބްރަޔަން ޑްރޯހަން ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުނެ އެވެ.