15 Mar 2014, 13:52
އެސްޓީއޯގެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާއަށް އިންޑިއާގެ މުންބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ތެޔޮ ބަލާ ގަލްފަށް ދަތުރުކުރަމުން ދިޔަ ތެޔޮ ބޯޓުގައި އަލިފާން ރޯވެ ފިހުނު، ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ އާދަމް ގާސިމް މަރުވެފައި ވަނީ ރާއްޖޭގެ ގަޑިން އިއްޔެ ހަވީރު 3:00 އެހައިކަން ހާއިރު ކަމަށެވެ.
އިންޑިއާގެ ބޭރުން ދަތުރު ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ބޯޓުގެ ޑެކް މަތީގަ އެވެ. އެއީ ޑެކްމަތީގައި ގާސިމް ވެލްޑިންގެ މަސައްކަތް ކުރަމުންދަނިކޮށް އެއްޗެއް ގޮވައިގެން ހިނގި ހާދިސާ އެކެވެ.
އާޒިމް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ގާސިމް އެޑްމިޓް ކުރީ އެބާވަތުގެ ކަންކަމުގައި ފަރުވާދެވޭނެ އެންމެ ރަނގަޅު ހޮސްޕިޓަލްގައި ކަމަށާއި މަރުވި އިރު އާއިލާގެ ދެ މެމްބަރަކު އޭނައާ އެކު އިންޑިއާގައި ތިބި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި މަރުވި ގާސިމާއި އޭނާގެ އާއިލާ އަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ފެށުނީއްސުރެ އެސްޓީއޯ އިން އަންނަނީ ފޯރުކޮށްދެމުން ކަމަށާއި ބޭސްފަރުވާގެ ހުރިހާ ޚަރަދެއް ބަލަހައްޓާފައި ވަނީ އެސްޓީއޯ އިން ކަމަށެވެ.