ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޭސީ މިލާން ބަލިކުރެވުމާ އެކު އެތުލެޓިކޯ މެޑްރިޑަށް އިތުރު ވަރުގަދަކަން ލިބިފައިވާ ކަމަށް އެކްލަބުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހު އޭސީ މިލާން އަތުން 4-1 ލަނޑުން މޮޅުވެ 5-1 ލަނޑުގެ އެގްރިގޭޓުން އެތުލެޓިކޯ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

އެތުލެޓިކޯގެ ކޯޗު ސިމިއޯނީ ގަބޫލުކުރާ ގޮތުގައި، މި ސީޒަނުގައި އެ ކްލަބަށް އަދި އެއްވެސް ތައްޓެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މިލާން އަތުން މޮޅުވުމާ އެކު ޓީމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

"އެ މެޗަކީ އަހަރެމެންގެ ކްލަބަށް އަދި ސަޕޯޓަރުންނަށް ވެސް ވަރަށް މުހިންމު މެޗެއް." އެތުލެޓިކޯގެ އާޖެންޓީނާ ކޯޗު ބުންޏެވެ. "ޔޫރަޕުގެ އެންމެ މޮޅު ޓީމުތަކުގެ ތެރެއިން ހިމެނުމަކީ ވަރަށް މުހިންމު ކަމެއް. މިލާން މެޗުން މޮޅުވިޔަސް މާބޮޑު ކާމިޔާބެއް ނުލިބުނަސް، މިއީ ކާމިޔާބަށް ދޮރެއް ހުޅުވިގެން ދިޔަ ކަމެއް. މި ނަތީޖާގެ ސަބަބުން ޓީމަށް ވަނީ އިތުރު ވަރުގަދަ ކަމެއް އައިސްފައި."

ސިމިއޯނީ ބުނީ، ޓީމަށް އިތުރު ވަރުގަދަ ކަމެއް ގެނުވުމަށް ޓަކައި ބޭނުން ވަނީ ވާދަވެރިން މަތިން ހަނދާން ނައްތާލައި ސްޓޭޑިއަމްއާ މެދު ވިސްނުން ކަމަށެވެ.

"އަހަރެން ކުރިން ވެސް ބުނިން ކޮންމެ މެޗަކީ ވެސް ފައިނަލް މެޗެކޭ، އަދި އަހަރެމެންނަށް ދެން ބާކީ އޮތީ 11 މެޗު." އޭނާ ބުންޏެވެ. "ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ބޭނުން ނަމަ ޖެހޭނީ ވާދަވެރިންނާ މެދު ހަނދާން ނައްތާލައި ސަޕޯޓަރުން ފުރިފައިވާ ސްޓޭޑިއަމްއާ މެދު ވިސްނަން. އަހަރެމެންނަށް ކޮންމެ ޓީމަކަށް ވެސް އުނދަގޫ ޓީމެއް."

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މިވަގުތު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި އެތުލެޓިކޯއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. އަދި ތިންވަނާގައި އޮތް ބާސެލޯނާ އާއި އެތުލެޓިކޯއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ.

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯ މިރޭ ނުކުންނާނީ އެސްޕާނިޔޯލްއާ ދެކޮޅަށެވެ. އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅޭ މިމެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 2:00 ގަ އެވެ.