ޗެނަލް 13 އާއި "ވޭކް އަޕް ނައު" ގުޅިގެން ޗެނަލް 13 އިން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ބަހުސްގައި ސިޔާސީ ފައިދާ ހޯދަން ނާޖާއިޒު ގޮތުގައި މަސައްކަތް ކުރި ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޭދަފުށީ ދާއިރާގެ ކެންޑިޑޭޓް ހިސާން ހުސެއިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

"ވޭކް އަޕް އެންޑޯސްޑް ޝޯ"ގެ ނަމުގައި ކުރިއަށް ގެންދާ ބަހުސަކީ މަދަނީ ހަރަކާތެއް ކަމަށްވާ ވޭކް އަޕް ނައު އިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޗެނަލް 13 ހަމަޖައްސައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހިސާން ވިދާޅުވީ އޭދަފުށީ ދާއިރާގެ ބަހުސްގައި އޭނާ ބައިވެރިވާން ތަނާޒުލްވި ކަމަށް އެ ބަހުސް ކުރިއަށް ދިޔައިރު ބުނަމުން ދިޔަ ކަމަށާއި އެކަމަކު ބަހުސްގައި ބައިވެރިވުމަށް އޭނާ އަށް ދައުވަތު ދީފައިނުވާ ކަމަށެވެ.

"ޗެނަލް 13 އިން އޭދަފުށީ ދާއިރާގެ ދެން ތިއްބެވި ދެ ކެންޑިޑޭޓުންނާއެކީ ބޭއްވި ބަހުސެއް އެއީ. ދެން ބަހުސް ތެރޭގައި ބުނަމުންދިޔައީ އަޅުގަނޑު ތަނާޒުލްވީ ކަމަށް. އެކަމަކު ހަގީގަތުގައި އަޅުގަނޑަކަށް ދައުވަތު ފޮނުވާފައެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެމްބީސީ އަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވާނީ އެ ޓީވީ ޗެނަލުން ސިޔާސީ ފައިދާ ހޯދަން ނާޖާއިޒު ގޮތުގައި މަސައްކަތް ކުރި ކަމަށް ކަމަށެވެ.

"ތަނާޒުލްވީ ކަމަށް ބުނުމަކީ އަޅުގަނޑަށް ނުކެރުމޭ ބުނުން. އެހެންވެ ސިޔާސީ ފައިދާ ހޯދުމަށް އަޅުގަނޑުގެ ރެޕިއުޓޭޝަން ނަގާލަން ކުރި ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. އެގޮތަށް މައްސަލަ ވެސް ހުށަހެޅީ،" ހިސާން ވިދާޅުވި އެވެ.

ޗެނަލް 13ގެ އެކްޓިވް ސީއީއޯ އައިމަން އަބްދުއްސައްތާރު ވިދާޅުވީ ބަހުސް ޕްރޮގްރާމް ފެށުމުގެ ކުރިން އެ އޮފީހުގެ މުވައްޒަފަކު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ކޯލިޝަނުގެ ފަރާތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

"ހުރިހާ ޕާޓީތަކަށް އަޅުގަނޑުމެން ބަހުސްގެ ޝެޑިއުލާއި ހިނގާނެ ގޮތުގެ ތާވަލެއް ފޮނުވިން. އެއްވެސް ކެންޑިޑޭޓަކަށް ވަކިވަކިން ގުޅާފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ވޭކް އަޕް ނައުގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ވިދާން ޝާކިރު ބުނީ ހުރިހާ ޕާޓީތަކަށް ބަހުސްގެ ތާވަލް ފޮނުވުމަށްފަހު ބަހުސް ފެށުމުގެ ކުރިން ގުޅާފައިވާނެ ކަމަށާއި ނަމަވެސް ހިސާން ފޯނު ނުނަންގަވާ ކަމަށެވެ.

ހުރިހާ ޕާޓީތަކަށް އަޅުގަނޑުމެން ޝެޑިއުލްއެއް ވެސް ފޮނުވިން. ކޮންމެ ބަހުސެއް ފެށުމުގެ ކުރިން އަޅުގަނޑުމެން ކެންޑިޑޭޓުންނަށް ވަކިވަކިން ވެސް ގުޅަން. ހިސާން އަށް ވެސް އަޅުގަނޑުމެން ގުޅިން. އެކަމަކު ފޯނެއް ނުނަންގަވާ،" ވިދާން ބުންޏެވެ.