ބ. ދަރަވަންދޫ ފިހާރަައަކުން "ވަގަށް ނަގާފައިވާ" ތަކެތި ހޯދައި އެކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހިންނެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ ފިހާރައެއް ފަޅާލާފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށައެޅުނު މައްސަލައަކާ ގުޅިގެން އިއްޔެ މެންދުރުގެ ވަގުތެއްގައި ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ ހަތަރު މީހުން ދިރިއުޅެމުންދާ ފަސް ގެއަކަށް ފުލުހުން ވަދެ އެފިހާރަ އިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 10300 ރުފިޔާ އާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު ތަކެތީގެ އިތުރުން ކެމަލް ބްރޭންޑްގެ އެއް ސިނގިރޭޓް ކާޓޫން ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމައްސަލަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.