21 Dec 2010, 10:57
މިއަދު މެންދުރު ފަހު ބޭންކް އޮފް އިންޑިއާ އިން ނުކުތް މީހެއްގެ ދަބަސް ސައިކަލެއްގައި އައި ދެމީހަކު ފޭރިގަނެގެން ދަނިކޮށް ފުލުހުން އެދެމީހުން އަތުލައިގެންފި އެވެ.
މާފަންނު ޕޮލިސް ސްޓޭޝަނާއި ޓްރެފިކް ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އަތުލައިގަނެވިފައިވާ އެ ދެމީހުންނަކީ، ފުލުހުން ބުނި ގޮތުގައި، މ. ސީނުކަރަންކާގެ އާގެ އިބްތިޝާމް ހަސަން ރަޝީދު،25، އަދި ގދ. ގައްދޫ ރެޑްމާގެ މުޙައްމަދު ސަމީޒް،22، އެވެ.
ބެންކް އޮފް އިންޑިއާގެ މަސައްކަތެއް ކުރުމަށް ފަހު ސައިކަލުގެ ވަށިގަނޑަށް ބެކްޕެކް ދަބަސް ލައިގެން ދެ މީހަކު ސައިކަލުގައި ގޮސް ފަރީދީމަގު ރެއިންބޯ ފިހާރަ އާ ހަމަވީތަނާ އެހެން ސައިކަލެއްގައި އައި އިބްތިޝާމާއި ސަމީޒު ޖަހައިގަނެގެން ގެންދިޔަ ދަބަހުގައި ހުރީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ތަކަކާއި 2700 ރ. ގެ ޗެކެއް ކަމަށް ފުލުހުން ބުންޏެވެ.
ދަބަސް ޖަހައިގަނެގެން ދިޔަކަމުގެ މަޢުލޫމާތު އެހިސާބުގައި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ދިނުމާ އެކު އެ ސައިކަލުގެ ފަހަތުންގޮސް އެމީހުން އަތުލައިގަނެވިފައި ވަނީ މާފަންނު އަސަރީ ގޯޅި ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އަތްދަބަސް މިހާރު ވަނީ އޭގައި ހުރި ތަކެއްޗާ އެކު އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށާއި އަދި ދަބަސް ފޭރިގެން ދިޔަ ދެ މީހުން ވަނީ ސައިކަލާ އެކު ފުލުހުންގެ ބެލުމުގެ ދަށަށުގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ދަބަސް ފޭރިގަތުމުގައި ބޭނުންކުރި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިބެލުމުން އެ ސައިކަލުގެ ނަން ބޯޑް މަތީގައި ކަރުދާހުން އެހެން ނަންބޯޑެއް ހަދައި ތަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ޕްރޮޕަޓީ އެންޑް ކޮމާޝަލް ކްރައިމް ޔުނިޓުން ގެންދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.