ވެސްޓް ބްރޮމްވިޗް އަލްބިއޮން އިން ފްރާންސް ފޯވަޑް ނިކޮލަސް އަނެލްކާ އަށް ހުށަހެޅި ބައެއް ކަންތައްތައް ގަބޫލުނުކުރެވޭތީ އެކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލާފައިވާ ކަން އޭނާ އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހުކޮޅު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅެ 3-3 ލަނޑުން އެއްވަރުވި މެޗުގައި ގޯލެއް ކާމިޔާބުކުރުމަށް ފަހު، އަނެލްކާ ވަނީ ނާޒީ ސެލިއުޓް ނަގައިފަ އެވެ. އެ މައްސަލައާ ގުޅިގެން އިނގިރޭސި އެފްއޭ އިން ފަސް މެޗުގެ ސަސްޕެންޝަނަކާ އެކު 80،000 ޕައުންޑުން އަނެލްކާ ޖޫރިމަނާ ކުރިއިރު، ވެސްޓް ބްރޮމް އިން ވެސް އޭނާ ސަސްޕެންޑް ކޮށްފައި ވެއެވެ.

އެ މެޗުގައި ލަނޑު ޖެހުމަށް ފަހު، އަނެލްކާ އޭނާގެ ކަނާތް ތިރިކޮށް، އެ އަތް މަތީގައި ވާތް އެޅި އެވެ. މިއީ ޔަހޫދިިންނާ ދެކޮޅު ފްރާންސްގެ ކޮމީޑިއަނެއް ކަމަށްވާ ޑިއުޑޯން އެމްބާލާ މީގެ ކުރިން ނާޒީ ސެލިއުޓެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ސެލިއުޓެކެވެ.

ނާޒީ ސެލިއުޓާ ގުޅިގެން އަނެލްކާ އަށް ލިބުނު އަދަބު މާ ކުޑަ ކަމުގައި ގިނަ ބަޔަކު ބުނަމުންދިޔަ އިރު، އެ މައްސަލަ އަނބުރާ ގެންދަން ހުށަހަޅާ އެއްވެސް މައްސަލައެއް ބަލައި ނުގަންނާނެ ކަމަށް ވެސް އެފްއޭ އިން ކުރިން ބުނެފައި ވެއެވެ.

"އަހަރެންނާއި ކްލަބާއި ވާހަކަ ދެކެވުނު. ކްލަބުން ހުށަހެޅި ކަންތައްތަކަކީ އަހަރެންނަށް ގަބޫލުކުރެވޭނެ ކަންތައްތަކެއް ނޫން،" އަނެލްކާގެ ޓްވިޓާގައި ލިޔެފައި ވެއެވެ. "އެހެންކަމުން 2014 އާ ހަމައަށް ވެސްޓް ބްރޮމް އާއެކު ހަދާފައިވާ ކޮންޓްރެކްޓް މިހާރު ވާނީ އުވާލައިފައި."

މި ސީޒަން ފެށުނު އިރު ތަޖުރިބާކާރު ފޯވަޑް އަނެލްކާ، ވެސްޓް ބްރޮމްއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ވެސްޓް ބްރޮމް އަށް ކުޅުނު 12 މެޗުން އަނެލްކާ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ.