މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ވަނީ ހައިޖެކްކޮށްފައި ކަމަށް އެހާދިސާ ތަހުގީގުކުރަމުން އަންނަ މެލޭޝިއާގެ އޮފިޝަލުން ނިންމައިފި އެވެ.

މެލޭޝިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ)ބުނީ އެއް ޕައިލެޓް ނުވަތަ ދުއްވަން ދަންނަ އެހެން މީހަކު ބޯޓް ހައިޖެކްކޮށްގެން އެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށް ތަހުގީގީ ޓީމުން ނިންމާފައިވާ ކަމަށެވެ.

ބޯޓް ހައިޖެކް ކުރީ ކޮން ބޭނުމެއްގައި ކަމެއް އަދި ގެންގޮސްފައި ވަނީ ކޮންތާކަށް ކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި ކަމަށް ވެސް އޭޕީ ބުންޏެވެ.

އެގޮތަށް ނިންމީ ބޯޓްގެ ކޮމިއުނިކޭޝަން ސިސްޓަމްތައް ނިއްވާލާފައި ވަނީ ގަސްދުގައި ކަމުގެ ހެއްކާއި ރާޑަރަށް ނާރާ ގޮތަކަށް ބޯޓް ދުއްވާފައިވާ ކަމުގެ ހެކި ލިބިގެން ކަމަށް މެލޭޝިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

މަތިންދާ ބޯޓް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މިހާރު ވަނީ އިންޑިއާ ކަނޑަށް ފުޅާކޮށްފައި ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ފޮކްސް ނިއުސް ބުންޏެވެ. އެއީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ބޯޓް ގޮސްފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ ކަމަށް އެއޮފިޝަލު ވިދާޅުވެފައިވެ އެވެ.