15 Mar 2014, 10:58
ބުރުގާ އަޅައިގެން އަންހެން ބާސްކެޓް ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދީ އެކަމަށް ހައްލެއް ގެނައުމަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހްމަދު ހާފިޒް ތުރުކީ އަށް ފުރައިފި އެވެ.
އަންނަ އާދީއްތަ ދުވަހު ބާއްވާ އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރޭޝަން (ފީބާ)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ރާއްޖޭގެ ފަރާތުން ހާފިޒް ތުރުކީގެ އިސްތަންބޫލަށް ފުރީ ރޭގެ ވަގުތެއްގަ އެވެ.
އެއާޕޯޓްގައި ހުރެ ސަން އަށް މައުލޫމާތު ދެމުން ހާފިޒް ވިދާޅުވީ، ބޮޑު އިސްކަމެއް ދޭނީ ބާސްކެޓް ކުޅޭ އަންހެން ކުޅުންތެރިންނަށް ބުރުގާ އަޅައިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެވޭ ގޮތަށް އިސްލާހު ގެނައުމަށް ކަމަށެވެ.
"ފީބާ ކޮންގްރެސްގައި ބޮޑަށް ކުރިއަށް ދާނީ އިސްލާހުތައް ފާސްކުރުން. އެގޮތުން އަޅުގަނޑު އެންމެ ބޮޑަށް މަސައްކަތްކުރާނީ އަންހެން ބާސްކެޓް ކުޅުންތެރިންނަށް ބުރުގާ އަޅައިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތަށް ހަމަޖައްސައިދިނުން." ހާފިޒް ވިދާޅުވި އެވެ.
ހާފިޒް ވިދާޅުވީ، އެހެން ކުޅިވަރުތަކުގައި ވެސް ބުރުގާ އަޅައިގެން މުބާރާތްތަކުގައި ބައިވެރިވެވޭ ކަމަށްވާ އިރު، ބާސްކެޓް ކުޅުންތެރިންނަށް ވެސް ބުރުގާ އަޅައިގެން މުބާރާތްތަކުގައި ބައިވެރިވެވެން ޖެހޭނެ ކަމަށެވެ.
"މި މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. އެހެން ކުޅިވަރުތަކުގައި ވެސް ބުރުގާ އަޅައިގެން މުބާރާތްތަކުގައި ބައިވެރިވެވޭ. އެހެންކަމުން ބާސްކެޓް ކުޅުންތެރިންނަށް ވެސް އެ ފުރުސަތު ލިބެން ޖެހޭނެ. މި މައްސަލަ އަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީންނާއި އިސްލާމިކް ސޮލިޑަރީ ސޮލިޑަރިޓީ ސްޕޯޓްސް ފެޑެރޭޝަނުން ވެސް މި މަސައްކަތް ކުރޭ." ހާފިޒް ވިދާޅުވި އެވެ.
ފީބާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި 213 މެންބަރުން ބައިވެރިވާ އިރު، ތުރުކީގައި މިއަހަރު ބާއްވާ އަންހެން ފީބާ ވޯލްޑް ޗެމްޕިއަންޝިޕްގެ ގުރުލުމުގެ ރަސްމިއްޔާތު ވެސް މި ކޮންގްރެސްގައި ކުރިއަށްދާނެ އެވެ.