15 Mar 2014, 10:40
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ލިވަޕޫލްގެ މިޑްފީލްޑަރު ލޫކަސް ލޭވާ އާއި ޑިފެންޑަރު މަހުމޫދު ސަކޯ ފިޓްވުމުން ސްކޮޑުގައި ހިމަނައިފި އެވެ.
ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ލޫކަސް، ކުޅުމާއި ދުރުގައި ހުންނަން ޖެހުނީ މިދިޔަ ޖެނުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅެ ލިވަޕޫލް އެއްވަރުވި މެޗުގައި އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އަދި ފްރާންސްގެ ޑިފެންޑަރު ސަކޯ އަށް އަނިޔާވީ މިދިޔަ އަހަރު ޑިސެމްބަރު މަހު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
މި ދެކުޅުންތެރިން ވެސް އަނިޔާއިން ސަލާމަތްވުމަށް ފަހު، ވެސްޓް ހާމްއާ ދެކޮޅަށް ލިވަޕޫލްގެ 21 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުގައި ކުޅެފައި ވެއެވެ. ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ، ދެ ކުޅުންތެރިން ވެސް މިހާރު ހުރީ ސީޒަނުގެ ކުރިއަށް ހުރި މެޗުތަކަށް ތައްޔާރަށް ކަމަށެވެ.
"ސްކޮޑު އޮތީ ރަނގަޅު ހާލަތެއްގައި. ލޫކަސް އާއި ޒުވާން ސަކޯ ވަނީ އަނިޔާއިން ސަލާމަތްވެ ސްކޮޑާއި ގުޅިފައި. މި ހަފްތާގައި އެ ދެކުޅުންތެރިން ވެސް ރަނގަޅަށް ފަރިތަކުރުންތަކުގައި ވަނީ ބައިވެރިވެފައި. މިހާރު އަނިޔާގައި ހުރި މުހިންމު ކުޅުންތެރިއަކީ ހޯސޭ އެންރީކޭ އެކަނި." ރޮޖާސް ބުންޏެވެ.
މެންޗެސްޓާގެ އޯލްޑް ޓްރެފަޑްގައި އެޓީމާ ދެކޮޅަށް ލިވަޕޫލް ނުކުންނާނީ ރާއްޖޭ ގަޑިން މާދަމާ ހަވީރު 6:30 ގަ އެވެ.