އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަށް ރައްދުކުރައްވައި އަދި ކުރީގެ އިންތިގާލީ ސުޕްރީމް ކޯޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

"މުޅި މާފަންނު ތިލަފަތަށް" އެ ނަމުގައި މާފަންނު ބުރު ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 2010 ވަނަ އަހަރު އިންތިގާލީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ފާއިިޒް [މިހާރުގެ އުއްތަމަފަނޑިޔާރު] ރައީސް އޮފީހަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނު ރައީސް އޮފީހަށް ވަޑައިގެން ސުޕްރީމް ކޯޓަކީ އިންސާފު ގާއިމް ކުރާތަނެއް ނޫން ކަމަށާއި އެއީ "ގަނެވިއްކުމުގެ މަސައްކަތްތަކެއް" ހިނގާތަކެއް ކަމަށް ފާއިޒް އެއްބަސްވެވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މާތް ރަސްކަލާންގެ ގަންދީ ހުވާކޮށް، މި ވާހަކަ އަބަދުވެސް ދަންނަވަން. ފާއިޒް ވިދާޅުވި މި ވަގުތު ފަނޑިޔާރު ކަމުގައި ތިއްބެވި ބައެއް ބޭފުޅުން ރިޝްވަތު ނަންގަވާ ވާހަކަ. ފާއިޒް އަޅުގަނޑު ގާތުގައި ވިދާޅުވި އިންތިގާލީ ސުޕްރީމް ކޯޓުގައި ހިނގާ މަސައްކަތަކީ އިންސާފު ގާއިމް ކުރުމުގެ މަސައްކަތެއް ނޫނޭ. އެއީ ގަނެވިއްކުމުގެ މަސައްކަތެކޭ. އެ ކޯޓު ހުއްޓުމަކަށް ގެންނަންޖެހެއޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ އުއްތަމަ ފަނޑިޔާރަށް ބަހުގެ ހަމަލާތަށް ރައްދު ކުރައްވައި "މަލާމާތް" ވެސް ކުރައްވާފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަޝީދަށް މިހާރު އުއްތަމަ ފަނޑިޔާރު އިތުރުފުޅު ހެއްދެވި ކަމުގެ ތުހުމަތުތަކެއް ވެސް ނަޝީދު ވަނީ ކުރައްވައިފަ އެވެ.