15 Mar 2014, 10:15
ޔުކްރޭންގެ އޮޓޮނޮމަސް ސަރަހައްދެއް ކަމަށްވާ ކްރިމިއާ ޔުކްރޭންގެ ދަށުގައި އޮންނާނީތޯ ނުވަތަ ދާނީ ރަޝިޔާގެ ދަށަށްތޯ މާދަމާ ވޯޓެއް ނަގާނެ އެވެ. ޔުކްރޭންގެ ސަރަހައްދީ ޕާލަމެންޓުން ބުނެފައި ވަނީ ރަޝިޔާއާ ގުޅެން ކްރިމިއާގެ ރައްޔިތުން ނިންމައިފި ނަމަ މިނިވަންކަން އިއުލާން ކުރާނެ ކަމަށެވެ.
އަނެއްކޮޅުން އެމެރިކާ އާއި އެގައުމަށް ވާގިވެރިވާ ހުޅަނގުގެ ގައުމުތަކުން ބުނަމުން ދަނީ ކްރިމިއާގެ ޕާލަމެންޓުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ ޣައިރު ގާނޫނީ ވޯޓެއް ކަމަށެވެ. އަދި އެވޯޓްގެ ނަތީޖާ ގަބޫލު ނުކުރާނެ ކަން ވެސް އެގައުމުތަކުން ވަނީ އިއުލާން ކޮށްފަ އެވެ.
އަދި ކްރިމިއާ ޔުކްރޭނުން ވަކި ކުރުމަށް މަސައްކަތް ނުކުރުމަށް އެގައުމުތަކުން ދަނީ ރަޝިޔާއަށް ގޮވައިލަމުންނެވެ.
އެހެންކަމުން މާދަމާ ނަގާ ފެންނަ ނުފެންނަ ވޯޓް ވެގެންދާނީ ފިނި ހަނގުރާމައަށް ފަހު ޔޫރަޕްގައި އުފެދޭ އެންމެ ބޮޑު ނުތަނަވަސް ކަމަށެވެ. އޭގެ ސަބަބުން ޔޫރަޕް ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ. ޔަގީންވާ ކަމަކީ ރަޝިޔާއާ ނޭޓޯގެ އެހެން ގައުމުތަކާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ އެހަނގުރާމަ ވެގެންދާނީ " ދުނިޔޭގެ ބޮޑު ހަނގުރާމަ" އަކަށް ކަމެވެ.
ނަމަވެސް ޔުކްރޭންގެ މަޝްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެނީ ފެންނަ ނުފެންނަ ވޯޓަކީ މަޝްރަހު ފިނިކުރުމަށް އެޅޭނެ ބާރަކަށް ވެގެންދާނެ ކަމަށެވެ.
"... އެކަމުން ހުޅަނގަށް މެސެޖެއް ލިބޭނެ. އެމެސެޖަކީ ކްރިމިއާއާ ރަޝިޔާއާ ގުޅުވައިގެން ދައްކަން ޖެހޭ ވާހަކައެއް ނެތްކަން. އެކަން ވާނީ މަޝްރަހު ފިނުކުރާ ކަމަކަށް. އޭރުން ރަޝިޔާއާ ހުޅަނގުން ނެގޯޝިއޭޓް ކުރަމުންދާ އިރު ކްރިމިއާ އޮންނާނީ ގާތްގަނޑަކަށް މިނިވަން ދައުލަތެއްގެ ގޮތުގައި، " ޔުކްރޭންގެ ކިއޭވްގައި ދިރިއުޅުއްވާ ސިޔާސީ މުފައްކިރެއް ކަމަށްވާ ވާޑިމް ކަރަސްޔޯވް ވިދާޅުވެފައިވެ އެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ޑެއިލީމެއިލް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ކްރިމިއާގެ މައްސަލައިގައި ހުޅަނގުގެ ގައުމުތަކާ ރަޝިޔާއާ ދެމެދު ހަނގުރާމައެއް ފެށިދާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލަށް މިހާރު ވެސް ވަނީ ގާތްގަނޑަކަށް ޖަވާބެއް ލިބިފަ އެވެ. އެއީ ރަޝިޔާ އިން ކްރިމިއާ މެދު ކަންތައް ކުރަމުންދާ ގޮތާއި އެކަމުގައި ހުޅަނގުގެ އަމަލުތައް ހުރި ގޮތުންނެވެ.
ޔުކްރޭންގައި އުފެދުނު ދާހިލީ ހަމަނުޖެހުންތަކަށް ފަހު ރަޝިޔާ ސިފައިން ވަނީ ކްރިމިއާއަށް އަރާފަ އެވެ. އޭގެ ފަހުން އެމީހުން ވަނީ ޔުކްރޭންގެ ބޯޑަރު ސަރަހައްދުގައި ވަރުގަދަ ލަޝްކަރެއް އެކުލަވާލާފަ އެވެ. އެމީހުން ޔުކްރޭން އެކުގައި ހިފަން އުޅުނަސް ގައުމު ދިފާއު ނުކުރެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެކަމުގައި ހުޅަނގުގެ މަދަދަށް ތަކުރާރުކޮށް ދަނީ އެދެމުންނެވެ.
ޔުކްރޭންގެ ޑިފެންސް މިނިސްޓަރު އިހޯރް ޓެންޔުކް ވިދާޅުވެފައިވާ ގޮތުގައި ސަރަހައްދީ ރޮނގަށް ޖަމާވެފައިވާ ރަޝިޔާ ސިފައިންގެ އަދަދު މުޅި ޔުކްރޭންގެ އަސްކަރިއްޔާއާ ނުބައްދަލެވެ. ރަޝިޔާ ސިފައިންނާ ކުރިމަތި ލުމަށް ބޭނުންވާ ހަތިޔާރު ހޯދުމަށް ފައިސާގެ އެހީ ދިނުމަށް އޭނާ ވަނީ ޔުކްރޭންގެ މުއްސަނދިންނަށް ގޮވައިލައްވާފަ އެވެ.
އޭނާ ވިދާޅުވި ކަމަށް ނޫސްތަކުން ބުނީ ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރީ ރަޝިޔާގެ 220000 ސިފައިން އެބަތިބި ކަމަށެވެ. އަދި އެމީހުންނާ އެކު 800 ޓޭންކާއި 150 މަތިންދާ ބޯޓާއި 60 މަނަވަރު ވެސް ޔުކްރޭންގެ ކައިރިއަށް ޖަމާކޮށްފައިވާ ކަމަށް ޓެންޔުކް ވިދާޅުވެ އެވެ.
"ހަނގުރާމައެއްގައި ނަސްރު ލިބުން ބިނާވެފައި އޮންނަނީ އިންތިޒާމުތަކާ ވަސީލަތްތަކާއި ސްޓްރެޓެޖީއާއި އުކުޅުތަކާ ހަނގުރާމަކުރުމުގެ ރޫހުގެ މައްޗަށް. އަހަރެމެންގެ ސިފައިންގައި ވަނީ ހަމައެކަނި އެންމެ ފަހަށް މިބުނި ދެކަންތައް،" އޭނާ ވިދާޅުވެފައިވެ އެވެ.
ރަޝިޔާގެ ކިބައިން ޔުކްރޭން ދިފާއުކޮށްދިނުމަށް އެގައުމުގެ ވަގުތީ ބޮޑުވަޒީރު އާސެނީ ޔެޓްސެންޔުކް ވަނީ ހުޅަނގަށް ގޮވައިލައްވާފަ އެވެ. އިގުތިސާދީ ސިޔާސީ އަދި އަސްކަރީ ހުރިހާ ބާރެއް ބޭނުންކޮށްގެން ގައުމު ދިފާއުކޮށްދިނުމަށް އެމެރިކާއާއި އިނގިރޭސިވިލާތަށް ގޮވާލާ ގަރާރެއް ވެސް ޔުކްރޭން ޕާލަމެންޓުން ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް އެމެރިކާ އާއި އިނގިރޭސިން އަދި އެދެގައުމާ ގުޅިފައިވާ ހުޅަނގުގެ ގައުމުތައް އަދި ވަނީ ރަޝިޔާއާ އަސްކަރީ ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް އެޅުމާ ވަރަށް ދުރުގަ އެވެ.
ޔުކްރޭންގެ މައްސަލައިގައި ރަޝިޔާއާ އެކު ބޭއްވި ވާހަކަތައް ނާކާމިޔާބުވީކަން އެމެރިކާއިން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެއާ ގުޅިގެން ވެސް އަޅާނެ ފިޔަވަޅެއްގެ ގޮތުގައި އިއުލާންކޮށްފައި ވަނީ ރަޝިޔާ ކުށްވެރިކޮށް ގަރާރެއް ފާސްކުރުމަށް ޔޫއެންއަށް ހުށައެޅުމެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެވެސް ވިދާޅުވެފައި ވަނީ "ޑިޕްލޮމެޓިކް ހައްލެއް ލިބޭނެ ކަމަށް އަދިވެސް އުއްމީދު ކުރަން" ކަމަށެވެ.
ޔުކްރޭންގެ މައްސަލައިގައި ހުޅަނގުން ގެންގުޅޭ ސިޔާސަތުން ދޭހަވަނީ ކޮންމެވެސް ސަބަބެއް ނުވަތަ ސަބަބުތަކަކާ ހެދި އަސްކަރީ ގޮތުން ރަޝިޔާއާ ކުރިމަތިލުމަށް އެގައުމުތަކުން ފަސްޖެހިފައިވާ ކަމެވެ. ރަޝިޔާއާ ދެކޮޅަށް އެގައުމުތަކުން އެޅިޔަސް އަޅާނީ އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކަމެވެ.
އެހެންވީމާ ޔުކްރޭނުން ވަކިވުމަށް ކްރިމިއާގައި މާދަމާ ނަގާ ވޯޓުން ނިންމިޔަސް ހަނގުރާމައެއް ފެށުމަކީ ވަރަށް ދުރުކަމެއް ކަމަށް ބެލެވެނީ އެހެންވެ އެވެ.