ނިޔުޔޯކް (މާޗް 15) : އެމެރިކާގައި ހައްޔަރުކޮށް ދައުވާއުފުލި އިންޑިޔާގެ އަންހެން ޑިޕްލޮމޭޓް ދޭވްޔާނީ ކޮބްރަގާޑުގެ ދައުވާ، އެމައްސަލަ ބެއްލެވި ފަނޑިޔާރު ބާތިލްކުރުމާ ގުޅިގެން އަލުން އޭނާގެ މައްޗަށް ދައުވާ އުފުލަން ޖޫރީންގެ ކޮމިޓީއަކުން ނިންމައިފި އެވެ.

ދޭވްޔާނީގެ މައްޗަށް އަލުން ދައުވާ ކުރުމަށް ޖޫރީން މިނިންމީ އޭނާ އަށް ޑިޕްލޮމެޓިކް ހިމާޔަތްއޮތް ކަމަށް ދެކެވަޑައިގެން، އޭނާގެ މައްޗަށް އެމެރިކާގެ ދައުލަތުން ކުރިން އުފުލި ދައުވާ، އެމައްސަލަ ބެއްލެވި އެމެރިކާގެ ފަނޑިޔާރު ބާތިލްކުރުމަށް ފަހު، އެމައްސަލަ ކޯޓުން ބޭރުކޮށްލިތާ ދެ ދުވަސް ފަހުންނެވެ. ދޭވްޔާނީގެ މައްޗަށް ކުރިން ދައުވާ އުފުލާފައި ވަނީ އެމެރިކާގައި އޭނާ ދިރިއުޅުނުގޭގައި މަސައްކަތްކުރަން ގެންގުޅުނު އަންހެނަކަށް، އެމެރިކާގެ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުން މުސާރަ ދިނުމާއި އެމީހާއަށް ވިސާ ހޯދުމަށް ޓަކައި ދޮގު މައުލޫމާތު ދިނުމުގެ އިތުރުން ލިޔެކިޔުންތައް ފޯޖް ކުރި މައްސަލައަކާ ގުޅިގެންނެވެ.

ދޭވްޔާނީގެ މައްޗަށް ދައުވާ ކުރުމުން އިންޑިއާ އާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ އިންޑިޔާ އިން ވަނީ އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް ވެސް އަޅާފަ އެވެ. މީގެ ތެރޭގައި ދިއްލީގައި ހުންނަ އެމެރިކާ އެމްބަސީގެ ސެކިއުރިޓީ ދަށްކޮށް، އިންޑިޔާގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމެޓުންނަށް ކުރިން ދީފައިވާ ބައެއް އިނާޔަތްތަކާއި އިމްތިޔާޒުތައް ކަނޑާލުން ހިމެނެ އެވެ. މިފިޔަވަޅުތަކާ ގުޅިގެން އެމެރިކާގެ ޑިޕްލޮމޭޓުންނަށް އިންޑިޔާގައި ބައެއްކަހަލަ ދަތިތައް ކުރިމަތިވެގެން ގޮސްފައިވެ އެވެ.

ދޭވްޔާނީގެ މައްސަލާގައި އިންޑިޔާ އެންމެ ބޮޑަށް ރުޅިގަދަވީ ދޭވްޔާނީ ހައްޔަރުކުރުމަށް ފަހު އޭނާ ބަރަހާނާކޮށްގެން ފާސްކުރުން ފަދަ އިންސާނީ ހައްގުތަކާ ޚިލާފު ހަރުކަށި ގޮތަކަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އޭނާއާ މެދު މުޢާމަލާތް ކުރުމުގެ ސަބަބުންނެވެ. ދޭވްޔާނީގެ މައްސަލަ ބާތިލު ކުރެއްވި ފަނޑިޔާރު ވިދާޅުވެފައި ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށް އަދި ދައުވާ އުފުލާފައި ވަނީ އޭނާ އަށް ޑިޕްލޮމެޓިކް ހިމާޔަތް އޮތްއިރުގައި ކަމަށްވާތީ އެދައުވާއަކީ ބާތިލް ދައުވާއެއް ކަމުގަ އެވެ. އިންޑިޔާ ވެސް ބުނެފައި ވަނީ ދޭވްޔާނީއަކީ ޑިޕްލޮމެޓިކް ހިމާޔަތްބޭފުޅެއްކަމުން އެމެރިކާގައި އޭނާގެ މައްޗަށް ދައުވާނުކުރެވޭނެ ކަމުގަ އެވެ.

ދޭވްޔާނީ މިހާރު ހުންނެވީ އޭނާގެ އަމިއްލަ ގައުމުކަމަށްވާ އިންޑިޔާގަ އެވެ. އެހެންކަމުން އޭނާގެ މައްޗަށް އެމެރިކާގައި އަލުން ދައުވާ ކުރި ނަމަވެސް އޭނާ އެމެރިކާގެ ކޯޓަށް ހާޒިރު ކުރެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން މައްސަލަ ސާބިތުވެގެން އޭނާގެ މައްޗަށް ހުކުމެއް އައިނަމަވެސް އަންނާނީ ތަންފީޒު ކުރަންދަތި ޣައިރު ޙާޒިރުގެ ހުކުމެއް ކަމަށްވަނީ ބެލެވިފަ އެވެ. ދޭވްޔާނީގެ މައްޗަށް ޑިޕްލޮމެޓިކް ހިމާޔަތް މިހާރު ނެތުމުން އަލުން އޭނާގެ މައްޗަށް ދައުވާ އުފުލޭނެ ކަމަށާ އަލުން ދައުވާ އުފުލަން ނިންމީ ގާނޫނީ އެޕޮއިންޓަށް ރިޢާޔަތްކޮށްގެން ކަމަށް އެމެރިކާގެ ދައުލަތުގެ ޖޫރީން ބުނެ އެވެ. (ނޫސްއެޖެންސީތައް)