ލަންޑަން (މާޗް 15) : ޔުކްރޭންގެ މައްސަލާގައި މަޝްވަރާ ކުރުމަށް އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ލަންޑަންގައި އިއްޔެ ބޭއްވެވި ވާހަކަތައް ނާކާމިޔާބުވެގެން ނިމިއްޖެ އެވެ.

މިވާހަކަތަކަށް ފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ޔުކްރޭންގެ މައްސަލަ ހައްލުކުރުމުގައި ދެގައުމުގެ ޚިޔާލު މުޅިންތަފާތު ކަމަށާއި މިމައްސަލާގައި ގުޅިފައިވާ އެއްވެސް ވިސްނުމެއް ދެގައުމުން ނުގެންގުޅޭ ކަމުގަ އެވެ. ލަންޑަންގެ ބައްދަލުވުން މިބޭއްވީ މިމައްސަލާގައި އެއްވެސް ނިންމުމެއް ނިންމުމަށް އދ.ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައި ވަނިކޮށެވެ. ޔުކްރޭންގެ މައްސަލާގައި އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ފާސްކުރުމަށް މަސައްކަތްކުރާ ގަރާރާ ދެކޮޅަށް ވީޓޯކުރާނެކަމުގެ އިންޒާރު ރަޝިޔާ ދިނުމުން މިގަރާރު ފާސްނުވާނެކަން ވަނީ ކަށަވަރުވެފަ އެވެ.

ލަންޑަންގައި އެމެރިކާ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވާފައި މިވަނީ ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދު އެގައުމުން ވަކިވެ ރަޝިޔާއާ ގުޅުމަށް އެސަރަހައްދުގެ ޕާލަމެންޓުން ނިންމުމާ އެކު މިކަމާ ބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދެދުވަހަށް ވެފައި ވަނިކޮށެވެ. ކްރައިމިޔާ ސަރަހައްދުގެ އާބާދީގެ 60 އިންސައްތައަކީ ރަޝިޔާ ދަރިކޮޅުގެ ރައްޔިތުން ކަމަށް ވާތީ މިވޯޓުގެ ނަތީޖާ ދައްކާނީ އެސަރަހައްދު ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށްކަމަށް ވަނީ ބެލެވިފަ އެވެ. އެމެރިކާ އާއި ޔޫރްޕްގެ ބާރުތަކުންވަނީ ކްރައިމިޔާގެ ރައްޔިތުންގެ މިޑިމޮކްރެޓިކް ވޯޓުގެ ނަތީޖާ ގަބޫލުނުކުރުމަށް ނިންމާފަ އެވެ.

މިކަމުގައި ހުޅަނގުގެ ބާރުތަކުގެ ބަހަނާއަކީ މިއީ ޔުކްރޭންގެ ދަސްތޫރާ ޚިލާފަށް ނަގާވޯޓެއް ކަމަށް ބުނާ މައްސަލަ އެވެ. ނަމަވެސް ޔުކްރޭންގެ ދަސްތޫރާ ޚިލާފަށް އެގައުމުގެ ވެރިކަން ވައްޓާލައި ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން އިންތިޚާބަކާނުލައި ވެރިކަމާ ހަވާލުވުމުން އެވެރިކަމަށް ހުޅަނގުން ވަނީ އިޢްތިރާފް ވެފަ އެވެ. ޔުކްރޭންގެ ދަސްތޫރާ ޚިލާފަށް އެގައުމުގެ އިންތިޚާބީ ރައީސް ވިކްޓާ ޔަނަކޮވިޗްގެ ވެރިކަން ބަޣާވާތަކުން ވައްޓާލުން އެއީ މައްސަލައެއްކަމުގައި ހުޅަނގުން ނުދެކެ އެވެ. ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުން އެއީ ބޮޑު މައްސަލައެއް ކަމަށް ރަޝިޔާ ދެކޭއިރު ޔުކްރޭންގެ ދަސްތޫރާ ޚިލާފަށް ކްރައިމިޔާގެ ރައްޔިތުން ނަގާ ފެންނަ ނުފެންނަ ވޯޓު އެއީ މައްސަލައެއް ކަމަށް ރަޝިޔާ ނުދެކެ އެވެ.
މާދަމާ ނަގާ މިވޯޓުގައި ޔުކްރޭނުން ވަކިވެ ރަޝިޔާއާ ގުޅުމަށް ފެންނަ ކަމަށް ކްރައިމިޔާގެ ރައްޔިތުން ނިންމުމާ އެކު އެ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ރަޝިޔާ އިން ބުނެ އެވެ. ރަޝިޔާ އިން ވަނީ ޔުކްރޭނާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންނުވާ ކަމަށާ ޔުކްރޭނަށް ސިފައިން ފޮނުވާފައިނުވާނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ރަޝިޔާއާ ގުޅުމަށް ފެންނަކަމަށް ކްރައިމިޔާގެ ރައްޔިތުން ނިންމުމާ އެކު އެސަރަހަދަށް ރަޝިޔާގެ ސިފައިން ފޮނުވައި އެސަރަހައްދުގައިވާ ޔުކްރޭންގެ މިހާރުގެ ސަރުކާރަށް ވަފާތެރި ސިފައިންގެ ބަޔަކު ތިބި ނަމަ އެބަޔަކު ބޭރުކުރާނެ ކަމަށް ރަޝިޔާއިންވަނީ ބުނެފަ އެވެ.

ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެމެރިކާއާއި ޔޫރަޕުން ދީފައިވެ އެވެ. ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތައް ރަޝިޔާގެ ގޭހަށް ބަރޯސާ ވުމާއި ރަޝިޔާއަކީ މުއްސަނދި ކަމުގެ އިތުރުން ދުނިޔޭގެ އަސްކަރީ ދެވަނަ ބާރުކަމަށް ވެފައި އީރާނުގެ ނިއުކްލިޔާ މައްސަލަ ފަދަ ހުޅަނގަށް ޙައްސާސީ މައްސަލަތަކުގައި ރަޝިޔާގެ އެއްބާރުލުން އިންތިހާ އަށް ހުޅަނގުން ބޭނުންވާތީ ރަޝިޔާއާ ދެކޮޅަށް މާބޮޑު ފިޔަވަޅުތަކެއް ހުޅަނގަށް ނޭޅޭނެ ކަމަށް މުހައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)