"ބޮސްޓަން ފެއާ"ގެ ނަމުގައި އެމެރިކާގެ ބޮސްޓަންގައި ބާއްވާ ސީފުޑް ފެއާގައި ބައިވެރިވުމަށް ކުރާ ދަތުރުގައި ރާއްޖޭގެ މަހަށް މާކެޓް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ފުރާވަޑައި ގަތުމުގެ ކުރިން މީޑިއާ އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޔޫރަޕްގެ ގައުމުތަކަށް މަސް އެކްސްޕޯޓް ކުރުން ކުޑަ މިންވަރަކަށް ދަތިވެފައިވީ ނަމަވެސް އެ ފެއާގައި ރާއްޖެ އިން މަސް އެކްޕޯޓް ކުރުމުގައި އިތުރު މާކެޓްތައް ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ކުރިޔަށް ގެންދާ މިފަދަ ފެއާތަކުގައި ވަކި ވަކިން ކުންފުނިތައް ބައިވެރިވީ ނަމަވެސް މިފަހަރުގެ ފެއާ ކުރިޔަށް ދާނީ މުޅި ރާއްޖެ ތަމްސީލުވާނެ ގޮތަށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ "ބެޔަސް ނުބެޔަސް" ޕްރޮގްރާމާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ފެތުރިފައިވާ ކަމަށާއި ނަމަވެސް ފިޝަރީޒު މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކާއި އެކަމުގެ ސިޔާސަތު އެކުލަވާލުމުގެ އިތުރުން ބޭނުންވާ ހުރިހާ ފޯމްތަކެއްގެ މަސައްކަތް ވެސް މިހާރުކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެ ޕްރޮގްރާމްގެ ފައިނޭންޝިއަލް މޮޑެލް މިހާރު އެކުލަވާލާ މިނިފައިވާ ކަމަށެވެ. އަދި އެލައިޑް އިންޝުއަރެންސާ އެކު އެ ހިދުމަތް ދިނުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު ފުރައިވަޑައިގެންނެވި ބޮސްޓަން ފެއާ މި މަހުގެ 18އާ ހަމައަށް ކުރިޔަށް ދާނެ އެވެ.