ދައުލަތު މީޑިއާ މިނިވަން ނުކޮށްފި ނަމަ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ހުރަސް އެޅޭނެ ކަމަށް ބުނެ، ގައުމީ ރޭޑިއޯ އާއި ގައުމީ ޓީވީ ވަގުތުން ވަގުތަށް މިނިވަން ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.


ދައުލަތުގެ މީޑިއާ އިން މިހާރު ހަބަރުތައް ފަތުރާ ގޮތުން އަންނަ ފެބުރުއަރީ މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އެކި ގޮތްގޮތުން ނުފޫޒުތައް ފޯރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނަނީ ސަރުކާރުގެ ރޭޑިޔޯ އާއި ޓީވީ އިން ހަބަރު ފަތުރަމުން ދަނީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންގެ މަސްލަހަތުތަކާ އެއްގޮތަށް ކަމަށާއި ދައުލަތުން ސަރުކާރުގެ މީޑިއާ ބޭނުންކުރަމުން ގެންދަނީ ޕުރޮޕެގެންޑާ ފެތުރުމުގެ ވަސީލަތެއްގެ ގޮތުގައި ކަމަށެވެ.


"ދައުލަތުގެ ޓީވީ އާއި ރޭޑިއޯގެ މައްޗަށް ސަރުކާރުން ބާރުފޯރުވާ، އެދެ މުއައްސަސާއިން ފަތުރާ ޚަބަރުތަކާއި ޕްރޮގްރާމުތަކުގައި ސަރުކާރު ހިންގާ ޕާޓީގެ އެކި އެކި ކަންކަމާއި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ވާހަކަތައް ތަކުރާރުކޮށް ގެނެސްދޭކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި ސަރުކާރުން ކުރާ އެކި އެކި މަސައްކަތްތައް އެކިއެކި ކެންޑިޑޭޓުންގެ ދާއިރާތަކާ ނުސީދާގޮތުން ގުޅިގެން ދާނޭހެން ޚަބަރުތައް ފޮނުވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.


ރައްޔިތުންގެ މަޖުލީހުން ގާނޫނަކުން ފާސްކޮށްގެން ދައުލަތުގެ މީޑިއާ ހިންގުމަށް މިނިވަން މުއައްސަސާއެއް އުފައްދާފައިވާ އިރު އެ މުއައްސަސާ އާއި ދައުލަތުގެ މީޑިއާ މިއަދާ ޖެހެންދެން ވެސް ހަވާލުނުކޮށް އޮތް އޮތުމަކީ ސަރުކާރުން މީޑިއާގެ މައްޗައް ބާރުފޯރުވުމަށް ކުރާކަމެއް ކަމަށް ސިފަކުރަމުން އެމްޖޭއޭ އިން ވަނީ ދައުލަތުގެ ރޭޑިއޯ އާއި ޓީވީ ވަގުތުން ވަގުތަށް އެމްބީސީ އާ ހަވާލުކުރުމަށް ގޮވައިލައިފަ އެވެ.


އެ ބަޔާނުގައި ބުނެފައި ވަނީ ރައީއްސުލްޖުމްހޫރިއްޔާ އުފަދަވާފައިވާ ކުންފުންޏަކުން ދައުލަތުގެ ރޭޑިއޯ އާއި ޓީވީ ހިންގުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ހުރަސް އެޅި ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތުތަކެއް ލިބުމަށް މަހުރޫމްވާ ކަމެއް ކަން ފާހަގަކޮށް އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


"ދައުލަތުގެ ޓީވީ އާއި ރޭޑިއޯ އަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޯޑަކުން ހިންގާ ދެ ތަނުގެ ގޮތުގައި އޮތުމުން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ނުވެ، އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ފުރުސަތު ނުލިބި، ސަރުކާރުގެ މައުތު ޕީސްއެއްގެ ގޮތުގައި އެ ދެ ތަން އޮތުމަކީ އެމްޖޭއޭ އިން ކަންބޮޑުވާ ކަމެކެވެ." އެ ބަޔާނުގައިވެ އެވެ.