ހދ. ކުރިނބީގައި ރޭ ދަންވަރުގެ ވަގުތެއްގައި އެމްޑީޕީ ހަރުގެއާއި ތިން ސައިކަލެއްގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެދަށުން މިއަދު ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހދ. ކުރިނބީ ރަންބުސްތާނުގެ މުހައްމަދު އަލީ އާއި ގއ. ވިލިނގިލީ ބޮންތި، ޝަހުރާބު ރަޝީދެވެ.

ކުރިނބީން ވާހަކަދެއްކި މީހަކު ބުނީ ރޯކޮށްލި ތިން ސައިކަލުގެ ތެރެއިން އެއްސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައިވާ ކަމަށާއި އަނެއް ދެ ސައިކަލްގެ ބޮޑުބައެއް އަނދާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޖަގަހައިގައި ރޯކޮށްލުމުން އެތަނުގައި ހުރި ސައުންޑް ސިސްޓަމަކާއި ދެ ޓީވީ އާއި ދެ ގޮނޑި އަނދައި ހުލިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.