އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ސޮއިކޮށް ނިންމާލައިފި އެވެ.

މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ އެމްޑީޕީން ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިންމީ މިއަދު އިރުއޮއްސު އިރު އެވެ. އެ ޕާޓީން މަޖިލީހުންގެ 85 ގޮނޑިއަށް ވާދަ ކުރެ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ ޕީޕީއެމުންނެވެ. އެ ޕާޓީން 50 ކެންޑިޑޭޓުން އިންތިހާބުގައި ވާދަ ކުރައްވަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޝަކީލް "ސަން"އަށް ވިދާޅުވީ މިއަދު ހެނދުނު 8:30 ގައި ކެންޑިޑޭޓުން ސޮއި ކުރެއްވުމަށް ހުޅުވާލުމުން، ޕާޓީތަކުގެ ކެންޑިޑޭޓުން ދަރުބާރުގޭގެ ފާށަނާ މާލަމަށް ވަޑައިގެން "ފުލު ފުލުން" ސޮއި ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާތަނަށް ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިމުނީ އެމްޑީޕީން ކަމަށާއި ޕީޕީއެމުން ވެސް ވޯޓާސް ލިސްޓުގައި ސޮއިކޮށް ނިމުމުގެ މަރުހަލާގައި ވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

ސޮއި ކުރުމުގައި ޕާޓީތަކުން ރޫހު ވަރަށް ރަނގަޅު ކަމަށާއި "މިދާގޮތަށްދާނަމަ" ކެންޑިޑޭޓުން ސޮއި ކުރުމުގެ ކަންތައްތައް ފަސޭހަކަމާއެކު ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

"މިހާތަނަށް ސޮއި ކުރެއްވި ޖުމްލަ ކެންޑިޑޭޓުންގެ އަދަދެއް އަދި ކަށަވަރެއް ނުވޭ. އެމްޑީޕީން ސޮއި ކުރި ލިސްޓުތަކުގައި މައްސަލައެއް ހުރިހާ ބަލަމުން މިދަނީ. ޕީޕީއެމުން ވެސް ލިސްޓުގައި ސޮއިކޮށް ނިންމުމުގެ މަރުހަލާގައި މިހާރުވަނީ،" އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނަރަލް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުން މިރޭ 10:30 އަށް ދަރުބާރުގޭގެ ފާށަނާ މާލަމުގައި ކުރިއަށްދާނެ އެވެ. އަދި މާދަމާ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް ވެސް ސޮއި ކުރުން ކުރިއަށްދާނެ އެވެ.

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޔާން ކުރާ ގައިޑްލައިނާ އެއްގޮތަށް އާންމު އިންތިހާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ސޮއި ކުރަންޖެހޭނެ ކަމަށް ބުނެފައި ވާތީ އެވެ.