14 Mar 2014, 18:26
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަންފުޅު މީޑިއާތަކުން ބޭނުންކުރަންވީ ގޮތް، އެ ކޯޓުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ނަންފުޅު ލިޔަންވީ ގޮތް ވަނީ ބަޔާންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ސިޓީގައި، އެ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް ފަނޑިޔާރުންގެ ނަންފުޅު މީޑިއާގައި ބޭނުންކުރުމަށް މީޑިއާތަކަށް އަންގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.
އެ ސިޓީގައި ބަޔާންކޮށްފައިވާގޮތުން އުއްތަމަ ފަނޑިޔާރުގެ ނަންފުޅުގެ ކުރިއަށް "ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު" ބޭނުން ކުރުމަށް ވަނީ އަންގާފަ އެވެ. އަދި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ނަންފުޅު ބޭނުންކުރާއިރު، "ފަނޑިޔާރު އޮނަރަބަލް ޑރ."، ނަންފުޅުގެ ކުރިއަށް ބޭނުން ކުރަން ވެސް އަންގާފައި ވެއެވެ.
އެ ދެ ބޭފުޅުން ފިޔަވައި އެހެން ފަނޑިޔާރުންގެ ނަންފުޅުގެ ކުރިއަށް "ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު" ބޭނުންކުރުމަށް މީޑިއާތަކަށް އަންގައިދިނުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ.
އެ ސިޓީއާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ބްރޯޑްކާސްޓިން ކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓުން އެ ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ އެއްޗެއް މީޑިއާތަކަށް ހިއްސާކުރާނީ ސުޕްރީމް ކޯޓަށް އޭގެ ޖަވާބު ފޮނުވުމަށްފަހު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ސިޓީއާ މެދު ގޮތެއް ނިންމުމަށްފަހު ފެށޭ ހަފުތާގައި ސުޕްރީމް ކޯޓަށް އަންގާނެ ކަމަށެވެ.