މި މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަގުބޫލު ކެންޑިޑޭޓުން ހޮވުމުގެ ފުރުސަތު ސަން އިން ހުޅުވާލައިފި އެވެ.

ސަން އޮންލައިން މެދުވެރިކޮށް މިއަދު ހުޅުވާލި މި ފުރުސަތުގައި ކޮންމެ ދާއިރާ އަކުން ވެސް ރައްޔިތުންގެ އެންމެ މަގުބޫލު ކެންޑިޑޭޓު ހޮވާނީ ރައްޔިތުން އެސްއެމްއެސް މެދުވެރިކޮށް ދޭ ވޯޓުންނެވެ. އެއް ނަންބަރަކުން ކެންޑިޑޭޓަކަށް އެންމެ ގިނަ ވެގެން ފޮނުވޭނީ ފަސް އެސްއެމްއެސް އެވެ. މާނަ އަކީ ކޮންމެ ރައްޔިތަކަށް ވެސް މި ވޯޓުގައި ފަސް ފަހަރު ވޯޓު ދެވިދާނެ އެވެ. އެ ފަސް ވޯޓު އެއް ދާއިރާއެއްގެ ފަސް ކެންޑިޑޭޓުންނަށް، ނުވަތަ އެއް ދާއިރާއެއްގެ އެއް ކެންޑިޑޭޓަކަށް ނުވަތަ ތަފާތު ދާއިރާ ތަކުގެ ކެންޑިޑޭޓުންނަށް ވެސް ދެވިދާނެ އެވެ.

ކެންޑިޑޭޓުންނަށް ވޯޓު ދެއްވަންވީ ގޮތް ސަން އޮންލައިންގައި މި ކަމަށް ޚާއްސަ ކޮށްފައިވާ ގައި މިހާރު ފެންނާން ހުންނާނެ އެވެ.

ސަން މީޑިއާ ގުރޫޕުގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއީލް ޒާހީ ޒާހިދު (ޒާހީ) މިއަދު ވިދާޅުވީ މި ވޯޓުގެ ސަބަބުން ދާއިރާތަކަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ މަގުބޫލުކަން އެ ދާއިރާތަކުގެ ރައްޔިތުންގެ މެދުގައި އޮތް މިންވަރު ފެނިގެން ދާނޭ ކަމަށެވެ.

ޒާހީ ވިދާޅުވީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އާއި ހަމަޔަށް މި ޕޯލް ކުރިޔަށް ދާއިރު، ނަތީޖާތައް ވެސް ޕަސެންޓޭޖުގެ ގޮތުގައި ވަގުތުން ފެންނާން ހުންނާނެ ކަމަށެވެ. އަދި ވޯޓު ދިނުމަށް ފަހު އެ މީހަކަށް ވޯޓު ދެވުނީ ކޮން ކެންޑިޑޭޓަކަށްކަން ފަހުން ބަލައިލަން ބޭނުން ނަމަ، Check ޖަހާފައި 8800 އަށް މެސެޖުކޮށްލުމުން އެ މީހަކު ވޯޓުދީފައިވާ ގޮތް އެސްއެމްއެސް އަކުން ފޮނުވައި ދެވޭނެ އެވެ. ފަސް ވޯޓަށް ވުރެ އިތުރަށް އެއް ނަންބަރަކުން ފޮނުވައިފި ނަމަ، ވޯޓު ލިމިޓް ހަމަވެފައިކަން އަންގައިދޭ މެސެޖެއް އެ މީހަކަށް ލިބޭނެ ކަމަށް ވެސް ޒާހީ ވިދާޅުވި އެވެ.