14 Mar 2014, 14:12
ހަމާ ގުޅޭ ރަނގަޅު ފައުންޑޭޝަން ހޯދުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ގިނަފަހަރު އަވަހަށް ގެއިން ނުކުންނަން ލިޕްސްޓިކް ހާކައިގެން މަސްކަރާ އުނގުޅައިގެން ދަނީ އެވެ. އެކަމަކު ބޮޑު ޕާޓީ އަކަށް ނުވަތަ ހަފުލާއަކަށް ދާ އިރު، މޫނު ރީތި ކޮށް ބަހައްޓަން އެންމެން ވެސް ބޭނުންވެ އެވެ. ފައުންޑޭޝަނަކީ މޭކަޕްގެ ފެށުމެވެ. ފައުންޑޭޝަން ހޭކޭގޮތަކުން ނުވަތަ ހަމާ އެއްކުލަ ނުވުމުގެ ސަބަބުން މޫނުގެ ރީތިކަން ގެއްލެ އެވެ. މޭކަޕް ކޮށްފައި ހުންނަ އިރު ވެސް ހީވާނީ ބައިވަރު ކުލަ މޫނުގައި ހާކައިގެން ހުންނަހެނެވެ. ނުވަތަ ގަނޑުގަނޑަށް ފުށްޖަހައިގެން ހުންނަހެނެވެ.
ނެޗުރަލް މޭކަޕެއް ކުރުމަކީ ގިނަމީހުން ބޭނުންވާ ގޮތެކެވެ. މޭކަޕް ކުރަނީ މޫނުގެ ރީތިކަން އިތުރު ކުރުމަށާއި މޫނުގައި ހުންނަ އައިބުތައް ފިލުވައިލުމަށެވެ. މި ކަންތައްތަކަށް އެއްމެ ފުރަތަމަ އިޚުތިޔާރު ކުރާ ފައުންޑޭޝަނަކީ ރަނގަޅު އެއްޗަކަށްވުން މުހިންމެވެ.
ފައުންޑޭޝަނެއް އިޚުތިޔާރު ކުރާއިރު:
ފައުންޑޭޝަނެއް ގަންނަ އިރު އެންމެ ފުރަތަމަ ކަމަކަށް ބަލަން ޖެހޭނީ އެ ފައުންޑޭޝަނަކީ މޫނާ ގުޅޭ ފައުންޑޭޝަނަކަށް ވުމެވެ.
ނޯމަލް އަދި ޑްރައި ހަމަށް ލިކުއިޑް ނުވަތަ ކްރީމް ބޭސް ފައުންޑޭޝަނެއް ޚިޔާރު ކުރާށެވެ. އަދި ލޭބަލް ގަ މޮއިސްޗަރައިޒިން ނުވަތަ އެންޓި-އޭޖިން ބައި ހިމެނޭތޯ ބެލުން ރަނގަޅެވެ. މި ވައްތަރުގެ ފައުންޑޭޝަނުގައި ގްލިސަރިން އަދި ވިޓަމިން އީ ހިމެނެއެވެ. އެއީ މޫނުގެ ހަން މަޑުކޮށް އޮމާންކޮށް ހުރުމަށް އެހީވެދޭ މާއްދާ ތަކެކެވެ.
ތެޔޮކޮށް ހުންނަ މޫނެއް ނަމަ ލިކުއިޑް އޮއިލް-ފްރީ ފައުންޑޭޝަނެއް ޚިޔާރު ކުރާށެވެ. ނޫނީ މިނެރަލް ޕައުޑަރ ފައުންޑޭޝަނެއް ހޯދާށެވެ. ތެޔޮ ހަމަށް މި ފައުންޑޭޝަންސް ބޭނުން ކުރުމުން މޫނުގެ ތެޔޮކަން ފިލައި މޭކަޕް ރީތިކަން އިތުރު ކޮށްދެ އެވެ.
ނާޒުކު ހަމެއް ލިބިފައިވާ މޫނެއް ނަމަ ނުވަތަ ލަކުނު ގިނަ މޫނެއް ނަމަ، ހެވީ ފައުންޑޭޝަނެއް ބޭނުން ކުރަން ޖެހެ އެވެ. އެއީ ލަކުނުތައް ފޮރުވައިލަން ޖެހޭތީ އެވެ. މިކަހަލަ މޫނަކަށް ސްޓިކް ފައުންޑޭޝަނެއް ރަނގަޅު ވާނެ އެވެ.
ހަމާ ގުޅޭ ކުލައިގެ ފައުންޑޭޝަން ހޯދުން:
ވަރަށް ގިނަ ކުލައިގެ ފައުންޑޭޝަން ހުރެ އެވެ. ހަމާ ގުޅޭ ކުލައިގެ ފައުންޑޭޝަނެއް ގަންނައިރު ދޭއް ނުވަތަ ތިން ކުލަ ހަމުގައި ޖައްސައި ޓެސްޓް ކޮށްލުން ރަނގަޅު ވާނެ އެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ފައުންޑޭޝަންގެ ކުލަ ޓެސްޓު ކުރުމަށް ޓަކައި އަތުގެ ކޮންމެ ތަނެއް ވެސް ބޭނުން ކުރެވިދާނެ އެވެ. އެހެން ހީވާ ސަބަބަކީ އަތުގެ ހަމުގެ ކުލަ މޫނުގެ ކުލަޔާ އެއްގޮތް ކަމަށް ހީވާތީ އެވެ. އެކަމު މިއީ ފައުންޑޭޝަން ކުލަ ޓެސްޓް ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
ކުލަ ޓެސްޓް ކުރަން ކަރުދަށް ނުވަތަ ދަތް ދޮޅީގައި ފައުންޑޭޝަން ހާކާށެވެ. ޓެސްޓް ކުރެވެން ނެތް ހާލަތުގައި ފައުންޑޭޝަން ފުޅި މޫނާ ކައިރި ކޮށްލާފައި މޫނުގެ ހަމާ އެންމެ ގާތް ކުލަ ގަންނާށެވެ. އަތުގައި ހާކައިގެން ކުލަ ފާހަގަ ކުރުމަށް ވުރެ މި ގޮތް ވެސް މޮޅު ވާނެ އެވެ.
ފައުންޑޭޝަން ހާކާނެގޮތް:
ފައުންޑޭޝަނުގެ ބާވަތާއި ކުލަ އަށް ބަލާފައި ފައުންޑޭޝަން ގަތުމަށް ފަހު ދެން އޮތީ ފައުންޑޭޝަން ހޭކުމެވެ. ފައުންޑޭޝަން ހޭކޭ ގޮތަކުން މޫނު ރީތި ވުމުގެ ބަދަލުގައި ހުތުރު ވެސް ވެދާނެ އެވެ. ނުވަތަ ޖޯކަރެއްގެ ސިފަ ވެސް އަތުވެދާނެ އެވެ. އެހެން ކަމުން ފައުންޑޭޝަން ހާކާއިރު ތިރީގައި އެވާ ކަންތައްތަކަށް އިސްކަން ދޭން އާދަ ކުރާށެވެ.
• އެންމެ ފުރަތަމަ ކަމަކަށް މޫނު ރީތި ކޮށް ދޮވެ މޮއިސްޗަރައިޒް ކުރާށެވެ. މޫނުގައި މޮއިސްޗަރައިޒިން ކްރީމް ހޭކުމަށް ފަހު އެއް މިނިޓް މަޑުކޮށްލާށެވެ. އޭރުން ހަމުގެ ތެރެއަށް ކްރީމް ހުންނާނީ ވަދެފަ އެވެ. ކްރީމް އަކީ އެސްފީއެފް ހިމެނޭ ކްރީމް އެއް ނޫން ނަމަ މޮއިސްޗަރައިޒިން ކްރީމްގެ އިތުރުން ސަން ކްރީމެއް ވެސް ހާކާށެވެ.
• ލިކުއިޑް އަދި ސްޓިކް ފައުންޑޭޝަން ހާކާ އިރު މޫނުގައި ހުންނަ އައިބުތައް ނުވަތަ ލަކުނު ތަކުގައި ފުރަތަމަ ހާކާށެވެ. ޕައުޑަރު ފައުންޑޭޝަނެއް ނަމަ މޫނުގެ ކުލަ އެއްވަރު ނުވެ ހުންނަ ތަންތަނުގައި ހާކާލާށެވެ. އެންމެ ގިނައިން ފައުންޑޭޝަން ހާކަން ޖެހޭނީ ކޮލުގަޔާއި ނޭފަތް ކައިރި އަދި ދަތް ދޮޅީގަ އެވެ. މޫނުގައި ލަކުނު ނުހުންނަ ތަންތަނުގައި ކޮންމެހެން ފައުންޑޭޝަން ހާކާނެ ކަމެއް ނެތެވެ.
• ލިކުއިޑް އަދި ސްޓިކް ފައުންޑޭޝަން މޫނުގައި ހާކަން އަތް ބޭނުން ކުރެވިދާނެ އެވެ. ލައިޓް މޭކަޕެއް ބޭނުން ނަމަ ސްޕޮންޖެއް ތެންމާލައިގެން އޭގެން ލިކުއިޑް އަދި ސްޓިކް ފައުންޑޭޝަން މޫނުގައި ހާކާށެވެ.
• ޕައުޑަރު ފައުންޑޭޝަނެއް ނަމަ "ކަބުކީ ބްރަޝް" އެއް ބޭނުން ކުރާށެވެ. "ކަބުކީ ބްރަޝް" އަކީ ބޮޑުކޮށް ވަރަށް މަޑު (ފިރިހެނުން ޝޭވިން ކްރީމް ހާކަން ބޭނުންކުރާ ބްރަޝް ކަހަލަ) ބްރަޝް އެކެވެ. ބްރަޝް މޫނުގައި ހާކާނީ ވަށް (ސަރކިއުލަރ) ގޮތަށެވެ.
• އެއް ފަހަރާ ގިނަ ފައުންޑޭޝަން ހޭކުމުގެ ބަދަލުގައި، ފުރަތަމަ ހާކާނީ މަދުންނެވެ. އެވަރުން ނުފުދިއްޖެ ނަމަ އިތުރަށް ހާކާނީ އެވެ. އޭރުން ނެޗުރަލްކޮށް ފައުންޑޭޝަން ބަހައްޓަން ވެސް ފަސޭހަ ވާނެ އެވެ.
ފައުންޑޭޝަން ހޭކުމަށް ފަހު "ޓްރާންސްލޫސަންޓް ޕައުޑަރ" އެއް (މިއީ ވަރަށް ލައިޓް ފުށެއް) ހާކާށެވެ. އެކަމަކު، މޫނަކީ ވަރަށް ޑްރައި މޫނެއް ނަމަ ނުވަތަ ޕައުޑަރ ފައުންޑޭޝަން ބޭނުން ކޮށްފައިވާ ނަމަ ފުށް ނުޖެހިޔަސް ރަނގަޅު ވާނެ އެވެ.