ޣައްޒާ (މާޗް 14) : އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެގޮތުން އިސްރާއީލުގެ ރަށްތަކަށާއި އަވަށްތަކަށް ދެމުންގެންދިޔަ ރޮކެޓް ހަމަލާތައް ވަގުތީގޮތުން ހުއްޓާލިކަން ފަލަސްތީނުގެ އިސްލާމިކް ޖިހާދު ޖަމާއަތުން އިއުލާން ކޮށްފައިވަނިކޮށް އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން މިއަދު ފަތިހު ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި އެވެ.

މިޙަމަލާތައް ދީފައި ވަނީ ޣައްޒާގެ އުތުރުގައިވާ އަމަނާ ބެހޭ މަރުކަޒަކަށާއި ޣައްޒާގެ ދެކުނުގައިވާ ޙަމާސް ޖަމާއަތުގެ މަރުކަޒަކަށާ އަދި އިސްލާމިކް ޖިހާދު ޖަމާއަތުގެ މަރުކަޒަކަށް ކަމަށް ޣައްޒާގެ އަމަނާބެހޭ ދާއިރާތަކުން ބުނެ އެވެ. އިސްރާއީލުން މިހަމަލާތައް ދިނުމުގެކުރިން އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ދިން ޙަމަލާތަކަށް ރައްދު ދިނުމުގެގޮތުން އެޖަމާއަތުން އިސްރާއީލަށް ދެމުންގެންދިޔަ ރޮކެޓް ޙަމަލާތައް އިއްޔެގެ ހަވީރުން ފެށިގެން ހުއްޓާލާފައިވާ ކަމަށާ ހަމަލާތައް ހުއްޓާލީ އެޖަމާއަތާއި އިސްރާއީލާ ދެމެދު މިސްރު ސަރުކާރު މެދުވެރިއަކަށް ވެގެން އެއްބަސްވި ވަގުތީ އެއްބަސްވުމެއްގެ ދަށުން ކަމުގަ އެވެ. ނަމަވެސް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އުދުވާނީ ޙަމަލާތައް އަލުން ދޭންފަށައިފި ނަމަ ރައްދުގައި އިސްރާއީލުގެ ރަށްތަކަށް ރޮކެޓުން ޙަމަލާތައް ދޭނެކަމަށް ވެސް އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައިވެ އެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ، ޣައްޒާ އަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާއަށާއި ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފްހު އަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ދީފަ އެވެ. މިޙަމަލާތަކުގެ ރައްދުގައި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ އިސްރާއީލުގެ ރަށްތަކާއި އަވަށްތަކަށް ސަތޭކައަށް ވުރެ ގިނަ ރޮކެޓް ޙަމަލާތައް ދީފަ އެވެ. ފާއިތުވި ހައެއްކަ ދުވަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް ދިން ޙަމަލާތަކުގައި ފަލަސްތީނުގެ 6 މީހަކު ޝަހީދު ކޮށްލާފައިވެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ޖިހާދުކުރަމުން ގެންދާ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެފައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭހާ ހިނދަކު ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކަށް ޙަމަލާދިނުމުގެ ހައްގު (އިސްތިއްމާރާ ދެކޮޅަށް ތެދުވުމުގެ ހައްގު) ބައިނަލްއަޤްވާމީ ގާނޫނާއި އދ.ގެ ޗާޓަރުގެ ދަށުން އެޖަމާއަތްތަކަށް ލިބިގެންވާ ކަމުގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ކުރާ ޖިހާދުގެ އަމަލުތައް އިސްރާއީލާއި އިސްރާއީލުގެ އިސްތިއުމާރުގެ ފަހަތުގައިވާ ހުޅަނގުގެ ބާރުތަކުން ސިފަކުރަމުން ގެންދަނީ "ޓެރަރިޒަމް" ގެ ގޮތުގަ އެވެ.