ނިއުދިއްލީ (މާޗް 14) : 2012 ވަނަ އަހަރު އިންޑިޔާގެ ނިއުދިއްލީގެ ބަހެއްގައި ޒުވާން އަންހެނަކު ރޭޕްކޮށްލި ޖަރީމާ ހިންގުމުގައި ބައިވެރިކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުން މެރުމަށް ދަށުކޯޓުން ކޮށްފައިވާ ހުކުމަށް ނިއުދިއްލީގެ ހައިކޯޓުން ތާއީދުކޮށްފި އެވެ.

މިމައްސަލަ ބެލުމަށް ފަހު ހައިކޯޓުން އިއްޔެ އިއްވި އިސްތިއުނާފް ހުކުމްގައި ބުނެފައި ވަނީ މިޖަރީމާ ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ހަތަރު މީހުން ދަންޖައްސައިގެން މެރުމަށް ދަށުކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމުގަ އެވެ. 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިއުދިއްލީގެ ބަހެއްގައި ރޭޕްކޮށްލެވުނު 23 އަހަރުގެ އަންހެން މީހާއަކީ ނިއުދިއްލީގެ މެޑިސިން ފެކަލްޓީއެއްގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރެކެވެ.

އެ ހާދިސާގައި ލިބިފައިވާ އަނިޔާތަކަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެއަންހެން މީހާ ވަނީ މަރުވެފަ އެވެ. މުޅި އިންޑިޔާ ސިއްސުވާލި މިޖަރީމާއާ ގުޅިގެން އިންޑިޔާގެ ކަންކޮޅުތަކުގައި އެތަށް ހާސް ބަޔަކު ވަނީ މީހުން މަރާމީހުންނަށާއި ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވާލައި އިންޑިޔާގެ ކަންކޮޅުތަކުގައި ތަކުރާރުކޮށް މުޒާހަރާކޮށްފަ އެވެ.

އިންޑިޔާގައި އަންހެނުން ރޭޕްކުރުމާއި މީހުން މެރުމާއި ގޭންގް ކުށްތައް އާދަޔާ ޚިލާފަށް ގިނަވެފައިވާތީ މިކަން ކޮންޓްރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ އެފަދަ ޖަރީމާތައް ހިންގިކަން ކޯޓުތަކަށް ސާބިތުވެގެން މަރުގެ ހުކުމް އިއްވޭ މީހުންގެ މައްޗަށް އެހުކުމް ތަންފީޒު ކުރުން ކަމަށް އިންޑިޔާގެ ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަން މިކަމާބެހޭ ގޮތުން އިންޑިޔާގައި ކޮށްފައިވާ ސާވޭތަކުން ވަނީ ހާމަވެފަ އެވެ. (ނޫސްއެޖެންސީތައް)