އިލެކްޝަންސް ކޮމިޝަންގައި ވަކި ބަޔަކު ތިބެން ޖެހޭނެ ކަމަށް ބާރުއަޅާ ކަމަށްވާ ނަމަ އެކޮމިޝަނުގެ މުސްތަގިއްލު ކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން ފުއާދު ތައުފީގާއި އަހުމަދު ފަޔާޒު ހަސަން ވަކި ކުރި މައްސަލައާ ގުޅިގެން އެމްޑީޕީ އާއި ބޭރުގެ ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަންގެ މުސްތަގިއްލުކަން ގެއްލިގެން ދައްކާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ކޮންމެ ބަޔަކު އިލެކްޝަންސް ކޮމިޝަންގައި ތިބި ނަމަވެސް އެމީހުންނަކީ މަގާމަށް ކުފޫ ހަމަވާ ރައްޔިތުންގެ މަޖިލީހުގެ ތާއީދު އޮތް ފަސް މެމްބަރުން ކަމަށް ވަންޏާ ވިސްނަންވީ ކަމެއް ނެތް ކަމަށެވެ. ނަމަވެސް އެކޮމިޝަނުގައި ވަކި ބަޔަކު ބޭތިއްބުމަށް ޓަކައި ކެންޑިނޭޅި ވާހަކަ ދައްކާ ނަމަ އެތަނުގެ މުސްތަގިއްލު ކަމާއި އަދި އެބޭފުޅުންނާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އަހްމަދު މަހްލޫފުގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް އަދި ވިދާޅުވީ ބޭރު ދުނިޔޭގެ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގައި ވަކި ފަސް ބޭފުޅަކު ތިއްބަވަންވާނެ ކަމަށް ނުވަތަ ވަކި ބޭފުޅުންކޮޅެއް ސުޕްރީމް ކޯޓުގެ ހުކުމަކުން ވަކި ކުރެއްވީމާ އެކަމާ ކަންބޮޑުވާ ކަމަށް ވަންޏާ އެބޭފުޅުންގެ އިޚުލާސްތެރިކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ހިތާހިތާ ސުވާލު ކުރެވޭ އިޚުލާސްތެރިކަމާއި ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެންތޯ އެބޭފުޅުން އެ މަގާމުން ވަކިވީމާ އެ ސުވާލުތައް އުފައްދަނީ. ވަކި ބޭފުޅުންކޮޅެއް އަބަދު ތިއްބަވާ ކަމަށް ވަންޏާ އެއީ ރައްޔިތުން ގަބޫލު ކުރައްވާ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ "އެބޭފުޅުންނަށް އައިސް އެ އޮތީ ޝަރުއީ މަރުހަލާގެ ބަދަލު ނުކުރެވޭ އެންމެފަހުގެ ހުކުމް. އެއަށް އަޅުގަނޑުމެން އިހުތިރާމް ކުރަންޖެހޭ،" ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގެ ހުކުމުން ކިޔާލުމުން އެބޭފުޅުން ވަކި ކުރެއްވީ ސުލޫކީ މައްސަލަތަކެއް ހުރެގެން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެކަމަކު ވަކި ބަޔަކު އިލެކްޝަންސް ކޮމިޝަންގައި ތިބެން ޖެހޭނެ ކަމަށް އެއްބަޔަކު ވަކާލާތު ކުރަމުންދާ ކަމަށް ވަންޏާ އަޅުގަނޑު އުފައްދާ ސުވާލަކީ އެބޭފުޅުން ނޫންތޯއޭ އިލެކްޝަންސް ކޮމިޝަން މިނިވަންކޮށް ބާއްވަން ބޭނުން ނުވަނީ،" ރައީސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގައި ފަސް މެމްބަރުން ތިބެން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮންނަ އިރު އެކޮމިޝަންގައި ވަކި ބަޔަކު ތިބެންޖެހޭނެ ކަމަށް ބުނެފައިނުވާ ކަމަށާއި އެކަން ނިންމާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން މުސްތަގިއްލު ވަނީ އެތަނުގައި ފަސް މެމްބަރުން ތިބެ، އަދި ގާނޫނުތަކުން އެބޭފުޅުންނަށް އަރުވާ ބަރުތަކާ އެއްގޮތަށް ކަންތައްތައް ތަންފީޒު ކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.