14 Mar 2014, 11:52
ބ. ދަރަވަންދޫ ދެ ފިހާރައެއް ފަޅާލައި 10،000ރ. އާއި އެހެނިހެން ބައެއް ތަކެތި ވަގަށް ނަގައިފި އެވެ.
ދަރަވަންދޫން ވާހަކަދެއްކި މީހަކު ބުނީ ރޭގެ ވަގުތެއްގައި ވައްކަންކޮށްފައި ވަނީ އެރަށު "ފަހި ޓްރޭޑާސް" އާއި "ފެމެލީ ޓްރޭޑާސް" އިން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއް ފިހާރަ ފަޅާލި މައްސަލަ ހުށަހެޅިފައި ވަނީ ހެނދުނު 6:30 ގައި ކަމަށާއި އަނެއް ފިހާރަ ފަޅާލި މައްސަލަ ހުށަހަޅާފައި ވަނީ 9:00 ގައި ކަމަށެވެ.
އެ ދެ ފިހާރައިގެ ތެރެއިން "ފެމެލީ ޓްރޭޑާސް" އިން 10،000ރ. ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި "ފަހި ޓްރޭޑާސް" އިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ފަސް ފުޅި ބޮޑީ ސްޕްރޭ އާއި ހަ ފުޅި އާފްޓާ ޝޭވް ހިމެނޭ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ފިހާރަ ފަޅާލައި ވައްކަންކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.